-01-40bb8a38.jpg)

މިޞްރުގެ ވެރިރަށް ޤާހިރާގެ ރިންގް ރޯޑް ހައިވޭގައި ތެޔޮ ޓޭންކަރެއް އެކްސިޑެންޓްވެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މި ހިތާމަވެރި ހާދިސާގައި މިހާތަނަށް 31 މީހަކު މަރުވެ، 20 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ބޮޑެތި ގެއްލުންތަކެއް ލިބުނު މި ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއި ކަންބޮޑުވުމާ އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، މިޞްރުގެ ރައީސަށާއި އެ ޤައުމުގެ ސަރުކާރާއި އަޚުވަންތަ ރައްޔިތުންނަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. މީގެއިތުރުން އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުމަށާއި، މީހުން ސަލާމަތްކުރުމަށް ކުރިއަށްދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދުޢާކުރެއްވިއެވެ.
މި ހާދިސާ ހިނގާފައިވަނީ ޤާހިރާގެ ރިންގް ރޯޑްގެ އަލްވަރާޤް ސަރަޙައްދުގައެވެ. މިޞްރުގެ ޕަބްލިކް ޕްރޮސެކިއުޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވި ކާރު ދުއްވި ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ތަޙުޤީޤުގައި އެ ޑްރައިވަރު އިޢުތިރާފުވެފައިވާ ގޮތުގައި، ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނުގައި ލޭންތައް ބަދަލުކުރަމުން ދަނިކޮށް، އޭނާގެ ކާރުގެ ކުރީކޮޅު ވަނީ ތެޔޮ ޓޭންކަރުގެ ފަހަތު ފުރޮޅުގައި ޖެހިފައެވެ. މި އެކްސިޑެންޓާ ގުޅިގެން ޓޭންކަރުގެ ފުރޮޅެއް ފަޅައިގެން ގޮސް، ކޮންކްރީޓް ބެރިއަރުގައި ޖެހި ބަންޑުންޖަހައިގެން ތެޔޮތައް އެޅި އަލިފާން ރޯވީއެވެ.
މި ނުރައްކާތެރި އަލިފާނުގެ ސަބަބުން ހައިވޭއާއި ފާލަންތަކުގައި ހުރި މަދުވެގެން 27 ވެހިކަލް އަނދައި އަޅިއަށްވެ، ގިނަ އަދަދެއްގެ އުޅަނދުތަކުގައި ތިބި މީހުން ވަނީ ތާށިވެފައެވެ. އަލިފާނުގައި ބޮޑަށް އަނދައިގެން ގޮސްފައިވާ މީހުންގެ ވަނަވަރު ދެނެގަތުމަށް ޑީއެންއޭ ޓެސްޓު ހެދުމަށް ޕްރޮސެކިއުޓަރުން ވަނީ އަމުރުކޮށްފައެވެ.
ހާދިސާއާ ގުޅިގެން މިޞްރުގެ ހެލްތު މިނިސްޓްރީން 39 އެމްބިއުލާންސް ހަރަކާތްތެރިކޮށް، އަނިޔާވި މީހުން ވަނީ ގްރޭޓަރ ޤާހިރާގެ އެކި ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. އަދި މިޞްރުގެ ރައީސް އަލް ސީސީ ވަނީ ގެއްލުން ލިބުނު ޢާއިލާތަކަށް ބޭނުންވާ ފުރިހަމަ ޞިއްޙީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމުރުކުރައްވާފައެވެ. މި ހާދިސާއާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަމާ މެދު އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، މިހާރު އެ ސަރަޙައްދުގެ ޓްރެފިކް ވަނީ އަލުން ހުޅުވާލާފައެވެ.


