-01-40bb8a38.jpg)

ރަށްރަށުގެ މެދުގައި ޑްރޯން ބޭނުންކޮށްގެން ބޭސް ފޯރުކޮށްދިނުމުގެ ޚިދުމަތް 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަޢާރަފުކުރެވޭނެ ކަމަށް ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަޙްމަދު ޒިޔާއު ސަޢީދު ވިދާޅުވެއްޖެއެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމުގައި ދެއްވި އިންޓަވިއުއެއްގައި ސްޓޭޓް ފާމާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ އަޙްމަދު ޒިޔާއު ސަޢީދު ވިދާޅުވީ، މި މަސައްކަތް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޒިޔާއު ތަފްޞީލުކޮށްދެއްވި ގޮތުގައި، މި ޕައިލެޓް ޕްރޮޖެކްޓް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ މުހިންމު މަޢުލޫމާތު އެއްކުރުމަށާއި، ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގައި ކުރިމަތިވާ ޢަމަލީ ގޮންޖެހުންތައް ދެނެގަތުމަށެވެ.
މި ޚިދުމަތް ފުރިހަމައަށް ތަންފީޛުކުރުމުގެ ކުރިން ބޭސްތަކަށް ބޭނުންވާ ފިނިހޫނުމިނުގެ މިންގަނޑުތަކަށް ރައްކާކުރެވޭނެ އިންތިޒާމެއް ކަށަވަރުކުރުން ހިމެނޭ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
މީގެއިތުރުން، މި ޚިދުމަތުގެ ޒަރީއާއިން ފޯރުކޮށްދޭ ބޭހުގެ ރައްކާތެރިކަމާއި، ފެންވަރާއި، އޭގެ އަސަރު ހިފެހެއްޓުމަށްޓަކައި، ބޭސް އުފުލުމުގެ މަރުޙަލާތައް ރަނގަޅަށް މޮނިޓަރކުރުމުގެ މުހިންމުކަމަށްވެސް ބާރުއެޅުއްވިއެވެ.
މި އިސްނެގުމުގެ ސަބަބުން މުޅި ރާއްޖޭގެ ރައްޔިތުންނަށް، ޚާއްޞަކޮށް ވަކި ބާވަތްތަކުގެ ބޭހާއި މެޑިކަލް ސަޕްލައި ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ އެކަހެރި ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.
ކޮންމެހެން ބޭނުންވާ މުހިންމު ބޭސްތައް ލިބުން ފަސޭހަވެ، ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް އެހީތެރިކަން ލިބި، އަދި ކުއްލި ޙާލަތްތަކުގައި ބޭނުންވާ މެޑިކަލް ސަޕްލައިތައް އަވަހަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.