-01-40bb8a38.jpg)

ދިވެހި ޙައްޖުވެރިންނާއި އުމުރާވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޙައްޖު އުމުރާ ޕޯޓަލް އިފުތިތާހުކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާހުކުރީ ބުރާސްފަތި ދުވަހު ބޭއްވި 3 ވަނަ ޙައްޖު އުމުރާ ކޮންފަރެންސްގައެވެ.
މި ޕޯޓަލްގެ ސަބަބުން ޙައްޖާއި އުމުރާވެރިންނަށް އިތުބާރާއި ޔަގީންކަމާއެކު ޚިދުމަތް ހޯދުމުގެ މަގު ފަހިވާނެއެވެ. މީގެ އިތުރުން ޙައްޖަށް އަދި އުމުރާއަށްދާ ފަރާތްތަކުން ފައިސާ ދެއްކުމުގެ އުސޫލުތައް ހަރުދަނާވެ ލިޔެ ކިއުންތައް ހުށަހެޅުމުގައި އުމުރާވެރިންނަށް އުފުލަން ޖެހޭ ތަކުލީފުތައް ލުއިފަސޭހަވެ ކަރުދާސް މަދު ނިޒާމަކުން މި ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދެވޭނެއެވެ.
އަދި ކޮންމެ ވަގުތެއްގައިވެސް މޯބައިލް ފޯނުންވެސް ޕޯޓަލް މެދުވެރިކޮށް އަޕްލޯޑް ކުރަންޖެހޭ ލިޔެ ކިއުންތައް އަޕްލޯޑްކޮށް ސްޓޭޓަސްތައް ބަލާލެވޭނެއެވެ. ޚިދުމަތަކާއި ގުޅޭ ގޮތުން އުމުރާ ގުރޫޕަކާއި މެދު ޝަކުވާއެއް އޮތްނަމަ އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި އެ ޝަކުވާ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަލަމުންދާ ގޮތުގެ މައުލޫމާތާއި އެކަން ބަލާ ނިންމުމަށްފަހު އަޅާ ފިޔަވަޅުވެސް ޕޯޓަލް މެދުވެރިކޮށް އާންމުންނަށް ލިބޭނެއެވެ.
މިތައާރަފް ކުރެވުނު ޙައްޖު އުމްރާ ޕޯޓަލްއާއެކު ޙައްޖާއި އުމުރާގެ ކަންކަން މެނޭޖު ކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދެފުށްފެންނަ މިންވަރު އިތުރުކޮށް ރައްޔިތުންގެ އިތުބާރު ގާއިމުކުރެވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.