-01-40bb8a38.jpg)

ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިންނަށް ޚާއްޞަކޮށްގެން، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން އިންތިޒާމުކުރި "އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް" (އައިޕީސީ) ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ 26 ނޮވެންބަރު 2026 ވީ ބުރާސްފަތި ދުވަހުގެ ރޭ ރޯޝަނީ ބިލްޑިންގުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީނު ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލް މުޙައްމަދު މާހިރެވެ.
މި ތަމްރީނު ޕްރޮގްރާމަކީ "މޯލްޑިވްސް ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރިޕެއާޑްނަސް" (އީއާރުއެޗްއެސްޕީ) މަޝްރޫއުގެ ދަށުން، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ މާލީ އެހީތެރިކަމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އިން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. 22 އިން 26 ނޮވެމްބަރު 2026 އަށް ކުރިއަށްގެންދިޔަ މި ތަމްރީނުގައި ރާއްޖޭގެ 20 އަތޮޅެއްގެ ހޮސްޕިޓަލްތަކުންނާއި، މާލޭ ސަރަހައްދުގެ ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތަކުން ޖުމްލަ 25 ޚިދުމަތްތެރިން ބައިވެރިވިއެވެ.
މި ތަމްރީނު ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ "އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އިން-ސަރވިސް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ކަރިކިއުލަމް" އާ އެއްގޮތްވާ ގޮތުގެ މަތިން، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. ޕްރޮގްރާމްގެ ތެރޭގައި ތިއަރީ ބައިތަކުގެ އިތުރުން ޢަމަލީ ހަރަކާތްތައް ހިމަނައިގެން، ބައިވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
އެގޮތުން، މައިކްރޯބަޔޮލޮޖީގެ އަސާސްތަކާއި، ބަލިފެތުރޭ ގޮތްތަކާއި، ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ މައްޗަށް މި ތަމްރީނުގައި އަލިއަޅުވާލާފައިވެއެވެ. މީގެ އިތުރުން، އަތްދޮވުމުގެ ރަނގަޅު އުސޫލުތަކާއި، ރައްކާތެރިކަމުގެ އާލާތްތައް (ޕީޕީއީ) ބޭނުންކުރާނެ ގޮތާއި، ހޮސްޕިޓަލް ތެރެއިން ފެތުރޭ އިންފެކްޝަންތަކުން ރައްކާތެރިވުމާއި، ބަލިތައް ދެނެގަތުމުގެ އިތުރުން އިންފެކްޝަން ކޮންޓްރޯލް ޕްރޮގްރާމްތަކުގެ މައިގަނޑު ބައިތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނެވެ.
މި ތަމްރީނުގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކޮށް، މުޅި ރާއްޖޭގައި އެއް މިންގަނޑެއްގެ އުސޫލުތަކެއް ޤާއިމުކުރުމެވެ. އަދި ބަލިތައް ފެތުރުން ހުއްޓުވައި، ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް މި ޕްރޮގްރާމްގެ މުހިންމު އަމާޒެކެވެ.
ކޮވިޑް-19 ގެ ޢާލަމީ ވަބާއަށްފަހު، ބަލިތަކުން ރައްކާތެރިވުމުގެ އުސޫލުތަކުގެ މުހިންމުކަމާއި، ތަމްރީނު ލިބިފައިވާ ޞިއްޙީ ޚިދުމަތްތެރިންގެ ބޭނުންތެރިކަން ވަނީ އިތުރުވެފައެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަން އިތުރުކޮށް، ކުރިމަތިވެދާނެ ކުއްލި ޞިއްޙީ ނުރައްކާތަކަށް ތައްޔާރުވުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ތަމްރީނުތައް މެދުވެރިކޮށް ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، އިތުބާރު ހުރި ޚިދުމަތެއް ކަށަވަރުކޮށްދިނުމެވެ.






