-01-40bb8a38.jpg)

މާލެ ސަރަހައްދަށް ކިޔަވަން އަންނަ ދަރިވަރުންނަށް ދިމާވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި، އަގުބޮޑުވެފައި ހާލަތު ދަށް ތަންތަނުގައި ތޮއްޖެހިގެން އުޅެންޖެހޭ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، ހުޅުމާލެ ފޭސް 2 ގައި އެޗްޑީސީން ތަރައްގީކޮށްފައިވާ "އެކުވެހި" ދަރިވަރުންގެ ދަނާލުން ޖާގަ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާލެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ޒަމާނީ ދަނާލެއް ހުޅުވި މިއީ ފުރަތަމަ ފަހަރެވެ. ވިނަރެސް ޓަވަރުތަކުގެ ކައިރީގައި ހުންނަ މި އިމާރާތުން ކޮޓަރިތައް ކުއްޔަށް ދޫކުރަނީ މަހަކު 3،500ރ. ގެ ކުއްޔަކަށް، ދެ ދަރިވަރުން ޝެއާކޮށްގެން އުޅެވޭނެ ގޮތަށެވެ. ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކިން އެނދާއި، ކިޔެވުމަށް ބޭނުންކުރެވޭ ސްޓަޑީ ޓޭބަލް އަދި އަމިއްލަ ފާހާނާއެއް ހުރެއެވެ.

ދަރިވަރުންގެ ދިރިއުޅުމާއި ކިޔެވުން ފަސޭހަކުރުމަށް މި ދަނާލުގައި ގިނަ ވަސީލަތްތަކެއް ގާއިމުކޮށްފައިވެއެވެ. އޭގެ ތެރޭގައި އަމިއްލައަށް ކައްކާނެ ތަންތަނާއި، އަންނައުނު ދޮވެ ހިއްކާ ޖާގަ، މީޓިން ރޫމް، ކޯވޯކިން ސްޕޭސް، ކޮމަން ކޯޓްޔާޑް، ޓެރަސް، ގޭމު ކުޅޭ ލައުންޖު، އައުޓްޑޯ ޖިމް، ނަމާދުކުރާ ކޮޓަރި އަދި ޕާކިން ޖާގަ ހިމެނެއެވެ. އަދި ސާފުތާހިރުކަމާއި މެއިންޓަނަންސް އަދި ސެކިއުރިޓީ ގަވާއިދުން ބަލަހައްޓާނީ އެޗްޑީސީންނެވެ.
މި ތަނުން ޖާގަ ލިބޭނީ އުމުރުން 35 އަހަރުން ދަށުގެ، ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒެއްގައި ރަޖިސްޓްރީވެ، އެމްކިޔުއޭ އެޕްރޫވް ފުލްޓައިމް ކޯހެއް ހަދަމުންދާ، ގަވާއިދުން ކްލާސްތަކަށް ހާޒިރުވާ އަދި ކިޔެވުން ނިމެން މަދުވެގެން އެއް އަހަރު ބާކީ އޮތް ދަރިވަރުންނަށެވެ. ޝަރުތު ހަމަވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަނާއެކު އައިޑީކާޑާއި ޕޮލިސް ރިޕޯޓު އަދި ޕްލޭސްމެންޓް ލެޓާ ހުށަހެޅުމުން، ހުށަހަޅާ ތަރުތީބުން ޖާގަ ދޫކޮށް، އެއްބަސްވުމުގައި ސޮއިކުރުމުން ދިރިއުޅެން ފެށޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.