-01-40bb8a38.jpg)

ތިލަމާލެ ބްރިޖުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން މުއްތަލިބް ވިދާޅުވީ ތިލަމާލެ ބްރިޖުގެ 80 ޕަސަންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ތިލަމާލެ ބްރިޖުގައި ގުޅާލަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށްޓެވެ. މި ހަތަރު ރަށުގެ ތެރެއިން މިހާރު ގުޅާލެވިފައި ނުވަނީ ތިލަފުއްޓާއި ގުޅިފަޅު އެކަންޏެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއު ކުރިއަށް ގެންދާތީ އެކަމަށް އިޝާރާތް ކުރައްވާ މުއްތަލިބް ވިދާޅުވީ ބަނދަރުގެ މައިގަނޑު އޮޕަރޭޝަން އަންނަ އަހަރު ތިލަފުށްޓަށް ބަދަލުކުރާއިރު އެހާތަނަށް ބްރިޖުގެ މަސައްކަތް ނިންމާލުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
ބްރިޖުގެ މަސައްކަތް ނޮވެމްބަރު 11 އަށް ނިންމުމަށްޓަކައި އިންޑިއާ ސަރުކާރާއި ބްރިޖުގެ ކޮންޓްރެކްޓަރު އެފްކޮންސްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް މުއްތަލިބް މައުލޫމާތު ދެއްވާފައިވެ އެވެ.
ތިލަމާލެ ބްރިޖުގައި ހިމެނޭ އެކި ބައިތަކުގެ ތެރެއިން އެންމެ ދިގު އެއް ސެގްމަންޓަކީ މާލެ އާއި ވިލިމާލެ ގުޅާލުމުގެ ސެގްމަންޓް. މާލެ އާއި ވިލިމާލެއާއި ދެމެދު 2.2 ކިލޯމީޓަރުގެ ބްރިޖަކުން ގުޅާލަންޖެހޭއިރު އެ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ވަނީ ނިންމާފަ އެވެ. އަދި ވިލިމާލެއިން ގުޅީފަޅަށް ގުޅާލަންޖެހޭ 750 މީޓަރުގެ ސެގްމަންޓްގެ މަސައްކަތްވެސް މިމަހުގެ ތެރޭގައި ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ގުޅިފަޅުން ތިލަފުއްޓަށް 600 މީޓަރުގެ ބްރިޖެއް އަޅަންޖެހެ އެވެ.
ތިލަމާލެ ބްރިޖުހައި ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި، ބައެއް ރަށްތަކުގެ ތެރެއިން ހެދޭ ހައިވޭ މަގުތައްވެސް ހިމެނެ އެވެ. ބުރިޖުގެ މަސައްކަތާއެކު ހައިވޭއާއި މަގުތައް ހެދުމާއި ލައިޓްތައް ޖެހުމުގެ މަސައްކަތްވެސް އެފްކޮންސް އިން ދަނީ ކުރަމުންނެވެ.
ގާތްގަނޑަކަށް 6.7 ކިލޯމީޓަރުގެ ތިލަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް މަސައްކަތް ހިނގަމުންދާ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. ތިލަމާލެ ބްރިޖަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދާ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތިލަމާލެ ބްރިޖުގެވ މަޝްރޫއު ފެށި ނަމަވެސް ސޯލިހްގެ ވެރިކަން ނިމުނުއިރު ނިމިފައިވަނީ މުޅި މަޝްރޫއުގެ ގާތްގަނޑަކަށް 27 ޕަސަންޓެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އިންޑިއާ ސަރުކާރާ ވާހަކަދައްކައިގެން ކުރެއްވި މަސައްކަތުން ތިލާމާލެ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށް ދަނީ ވަރަށް ހަލުވިކަމާއެކު އެވެ.



