-01-40bb8a38.jpg)

އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ބްރެންޓްފޯޑް އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ، މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅޭ މެންޗެސްޓަރ ޔުނައިޓެޑް ލީގު ތާވަލުގެ އެންމެ ފުލަށް ވެއްޓުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެއެވެ. މިއީ ހަ ދުވަހުގެ ތެރޭގައި އެ ޓީމު މި ނަތީޖާއިން ބަލިވި ދެވަނަ މެޗެވެ. މި ބައްޔާއެކު ކޯޗުވަނީ މެޗަށްފަހު ކުޅުންތެރިން ގޮވައިގެން ދަނޑުގައި ހަޅޭއްލަވައި އުދާސްތައް ބޭރުކުރަމުން ގެންދިޔަ ސަޕޯޓަރުންގެ އަރިހަށްގޮސް ސަޕޯޓަރުންގެ އުދާސްތައް އަޑުއެހުމަށް ފުރުސަތުދީފައެވެ.
އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑް ފަރާތުން އުއްމީދީ ކުޅުމެއް ފެނުނުނަމަވެސް، ބްރެންޓްފޯޑްގެ ކެލަމް ވިލްސަން ވަނީ ޑަންގޯ އުއަޓާރާ ދިން ދެ ފުރުސަތަކުން ދެ ލަނޑު ޖަހައި ބްރެންޓްފޯޑަށް ކުރިހޯދައިދީފައެވެ. ދެވަނަ ހާފުގައި ޔުނައިޓެޑުން ނަތީޖާ އަނބުރާލަން މަސައްކަތްކުރި ނަމަވެސް، މެޗުގެ 82 ވަނަ މިނެޓުގައި އުއަޓާރާ ތަނަވަސްކޮށްދިން ފުރުސަތަކުން ކްރިސްޓޯފާ އަޔާ ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އިތުރު ވަގުތުގައި ކެވިން ޝާޑޭ ޖެހި ލަނޑާއެކު ބްރެންޓްފޯޑުން މެޗު ނިންމާލީ ފުރިހަމަ މޮޅަކާއެކުގައެވެ. މެޗުގައި ޔުނައިޓެޑްގެ ހެރީ މެގުއަޔާ އަދި ޔޫރީ ޓީލެމަންސް ފޮނުވާލި ހަމަލާތައް ގޯލުގެ ދަނޑިއަށް ވަނީ އަމާޒުވެފައެވެ.
މި ނަތީޖާއާއެކު ލީގުގައި މޮޅެއް ނުލިބި 10 މެޗު ހަމަވެފައިވާ ޔުނައިޓެޑް، ކުރިސްޓަލް ޕެލަސް އަދި ހަލް ސިޓީ ބައްދަލުކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން އާދީއްތަ ދުވަހު ތާވަލުގެ އެންމެ ފުލަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ. މިއީ 1963 ވަނަ އަހަރަށްފަހު ޔުނައިޓެޑް ޖެހިޖެހިގެން ދެ މެޗުން ހަތަރު ލަނޑުގެ ތަފާތުން ބަލިވި ފުރަތަމަ ފަހަރެވެ.
މިބައްޔާއެކު ޔުނައިޓެޑް މިޙާތަނަށް ލީގުގައި 12 މެޗު ކުޅެފައިވާއިރު، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. 12 މެޗުން އެންމެ 8 ޕޮއިންޓް ޔުނައިޓެޑަށް ލިބިފައިވާއިރު، ފައިދާގޯލު މިވަޤުތު އޮތީ 13 ގޯލު ގެއްލުމުގައެވެ. ޔުނައިޓެޑަކީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ މިސީޒަނުގައި ބައިކޮޅަށް އެންމެ ގިނަ ގޯލުވަތް ޓީމުުވެސްމެއެވެ.






