-01-40bb8a38.jpg)

މިސީޒަނުގައި ޖެހިޖެހިގެން ގިނަ މެޗުތަކެއް ފަހަތުން އަރައި މޮޅުވެ 'ރެމޮންޓާޑާ އެފްސީ' ގެ ނަމަުން މަޝްހޫރުވެފައިވާ ރެއާލް މެޑްރިޑް ރޭގެ މެޗުގައި ހައިރާން ކުރުވަނިވި ބައްޔަކާއެކު އަތަށް ގޮވައިފިއެވެ.
ވިދިވިދިގެން 10 މެޗުން މޮޅުވެފައިވަނިކޮށް، ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި އަލަވޭސް އަތުން 2-1 އިން ބަލިވެ ރެއާލް މެޑްރިޑުވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. ބެރްނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލްގެ ތަރި ޖޫޑް ބެލިންހަމް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މެޗުގެ 22 ވަނަ މިނެޓުގައި ޑީން ހުއިސެން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓޯނީ މާޓިނޭޒް ވަނީ އަލަވޭސް އަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފު ފެށިގެން މެޗުގެ 60 ވަނަ މިނެޓުގައި އޭންޖަލް ޕެރޭޒް ލަނޑެއް ޖަހައި އަލަވޭސްގެ ލީޑު ފުޅާކޮށްދިނެވެ. އޭގެ އަށް މިނެޓު ފަހުން ކީލިއަން އެމްބާޕޭ ލަނޑެއް ޖަހައި ރެއާލަށް އުންމީދު އާކޮށްދިން ނަމަވެސް، 88 ވަނަ މިނެޓުގައި ޑައިވް ކުރިކަމަށް ނިންމައި ވީއޭއާރު ބެލުމަށްފަހު ބެލިންހަމް އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުގެ ނަތީޖާ އަނބުރާލުމުގެ އުންމީދުތައް ގެއްލުނެވެ.
މި މެޗަކީ ރެއާލްގެ ޖާޒީގައި ބެލިންހަމް ކުޅުނު 159 ވަނަ މެޗެވެ. މިއާއެކު އޭނާ ވަނީ ޑޭވިޑް ބެކަމްއާ އެއްވަރުކޮށް، ރެއާލަށް އެންމެ ގިނަ މެޗު ކުޅެދިން އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފު ހޯދައިފައެވެ. ނަމަވެސް ރޭގެ ބައްޔާއެކު ވާދަވެރި ބާސެލޯނާ އަށް ލީގުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.






