-01-40bb8a38.jpg)

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ދެމެހެއްޓުމުގައި ރާއްޖެއިން އަބަދުވެސް ޒިންމާދާރު ބައިވެރިއެއްގެ ދައުރު އަދާކުރާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދެއްވައިފި އެވެ.
ވަޒީރު މި ޔަގީންކަން ދެއްވީ، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރްއޭ) ގެ 25 ވަނަ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ ސިޔާދަތީ ހަމަހަމަކަމާއި ދޭދޭ އިހުތިރާމުގެ މައްޗަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، އަވައްޓެރި ގާތް ގުޅުން ދެމެހެއްޓުމުގައި ރާއްޖެއަކީ އިހްލާސްތެރި ރަހުމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި ބައްދަލުވުމުގައި، އިންޑިއާއިން ރާއްޖެއަށް ޒަމާނުއްސުރެ ވަމުންދާ އެހީތެރިކަމާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ބޮޑުވަޒީރު މޯދީ ދެއްވާ ހާއްސަ އަހައްމިއްޔަތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ ދެ ގައުމު ގުޅިގެން ރައްޔިތުންނަށް ފެންނާނެ ފަދަ ހަގީގީ މަންފާތަކެއް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ރަމްޒުކޮށްދޭ އަގުހުރި މިސާލެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅުގައި، މިނިސްޓަރު އިރުތިޝާމް ވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ މިނިސްޓަރުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.