-01-40bb8a38.jpg)

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމުގައި ހަމައެކަނި ބުނެލާ ބަހަކުން ފުއްދާލެވިގެން ނުވާނެ ކަމަށާއި، އެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކަށް ނިމުމެއް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުން މިނިވަންކަމާއި ސުލްހަ އަދި ގަދަރުވެރި ދިރިއުޅުމަކަށް ކުރަމުންދާ މަސައްކަތުގައި ދިވެހިން އަބަދުވެސް ތިބޭނީ އެފަރާތްތަކާއެކު ކަމަށެވެ. އަދި އިންސާނީ އެހީތެރިކަން އެއްވެސް ހުރަހެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދީ، ބައިނަލްއަގްވާމީ ގާނޫނުތައް ނަގަހައްޓަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މެސެޖުގައި، ފަލަސްތީނުގެ ދިފާއުގައި ދިވެހިރާއްޖެއިން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އދ. އާއި ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމާއި، ބައިނަލްއަގްވާމީ އަދުލުއިންސާފާ ބެހޭ ކޯޓަށް ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތަދައްހުލްވުމުގެ އިތުރުން، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ އިދާރާ (އަންރުވާ) އަށް ދެމުންދާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އަދި އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ހައްގު ފަލަސްޠީނަށް ލިބެންޖެހޭ ކަމުގެ ސިޔާސަތު ތަކުރާރުކުރެއްވިއެވެ. އަދި އދ. ގެ ފުރިހަމަ މެންބަރު ގައުއުމަކަށް ވުމަށާއި، އަމިއްލަ ވަޒަނުގައި ރައްކާތެރިކަމާއި ޢަދުލުއިންސާފާއެކު ދިރިއުޅުމުގެ ހައްގު ފަލަސްތީނުގެ ރައްޔިތުންނަށް ހޯދައިދިނުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.