-01-40bb8a38.jpg)

އިލެކްޓްރޮލައިޓްސް، ވިޓަމިންސް އަދި މިނަރަލްސް ހިމެނޭ ބުއިންތައް ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން މިކަމަށް އިލްތިމާސްކުރެއްވީ، އެ ބާވަތްތައް ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް ރާއްޖެ އެތެރެކޮށް، ފުޅާ ދާއިރާއެއްގައި ފިހާރަތަކުގައި ވިއްކަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.
އެ އޮތޯރިޓީން ވިދާޅުވީ، އެފަދަ ބުއިންތައް އާންމު ފިހާރަތަކުން ލިބެން ހުރުމާއި، އެއީ އެނާޖީ ބުއިމެއް ނުވަތަ ހައިޑްރޭޝަން ބުއިމެއް ކަމަށް ލޭބަލްކޮށްފައި ހުރި ނަމަވެސް، އޭގައި އެކުލެވޭ ބާވަތްތަކާއި އޭގެ މިންވަރު ނުބަލައި ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުން ވެސް އެ ބުއިންތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގައި ހިމެނޭ ވިޓަމިނާއި އިލެކްޓްރޮލައިޓްސްގެ މިންވަރަށާއި، އެނާޖީ، ހައިޑްރޭޝަން، ސްޓެމިނާ، މަސްލް ރިކަވަރީ ނުވަތަ ސިއްހީ ފައިދާތަކަށް ބޭނުންކުރާ ކަމަށް ބުނެ ކުރާ ދައުވާތަކަށް ރިއާޔަތްކޮށް، މިފަދަ ބުއިންތައް ގިންތިކުރެވޭނީ ނިއުޓްރާސޫޓިކަލްސް (nutraceuticals) ގެ ގޮތުގައި ކަމަށް އެމްއެފްޑީއޭއިން ބަޔާންކުރެއެވެ.
އެހެންކަމުން، މީގެފަހުން އެފަދަ ބުއިންތައް އެތެރެކޮށް ވިއްކޭނީ އެ އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، "ގައިޑްލައިން ފޯ ރަޖިސްޓްރޭޝަން އޮފް ނިއުޓްރާސޫޓިކަލްސް" ގެ ދަށުން ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކުރައްވާފައެވެ.
ސިއްހީ ޚިދުމަތްތެރިންގެ ލަފަޔާ ނުލައި މިފަދަ ބުއިންތައް ބޭނުންކުރުމަކީ ސިއްހީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވާތީ، މިފަދަ ބުއިންތައް އާންމު ބުއިމެއްގެ ގޮތުގައި އެތެރެކޮށް، ވިއްކައި އަދި ބޭނުންނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
-89d6b574.jpg)


