-01-40bb8a38.jpg)

ޔޫކްރެއިންގެ ފައުޖުތަކާ ދެމެދު 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ މެދު ވިސްނަމުންދާ ކަން ރަޝިޔާއިން ހާމަކޮށްފިއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ އެމެރިކާއިން އިސްނަގައިގެންނެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ރަޝިޔާއިން ވީ އެންމެ އަވަހަކަށް ގޮތެއް ނިންމާނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައެވެ. އަދި، ރަޝިޔާއިން އެމެރިކާގެ ހުށަހެޅުމަށް އިންކާރު ކޮށްފި ނަމަ، ރަޝިޔާގެ ޙަޤީޤީ ނިޔަތް ވޮޝިންގޓަނަށް ސާފުވެގެންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޔޫކްރެއިނުން އެއްބަސްވެފައި ވަނީ އެ މަޝްވަރާތަކުގައެވެ. އެއީ، އެމެރިކާއިން ބިރު ދައްކައި، ޔޫކްރެއިނަށް އަސްކަރީ އެހީތެރި ކަން ފޯރުކޮށްދިނުން މެދުކަނޑައިލައި ޖާސޫސީ މަޢުލޫމާތު ހިއްސާ ކުރުން މެދުކަނޑައިލުމާ ގުޅިގެން ޔޫކްރެއިނުން ނިންމި ނިންމުމެކެވެ.
ޔޫކްރެއިނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުން ދަނީ ދިރާސާ ކުރަމުންނެވެ. ރަޝިޔާގެ މަޞްދަރުތަކުން ބުނީ، ހަނގުރާމަ ހުއްޓައިލުމަށް އެ ޤައުމުން ކުރާ ޝަރުޠުތަކުގެ ލިސްޓެއް ވޮޝިންގޓަނާ ހިއްސާ ކޮށްފައިވާ ކަމުގައެވެ. އޭގެ ތެރޭގައި، އެމެރިކާއާ އެކު ހީނަރުވެފައި އޮތް ގުޅުންތައް އަލުން އިޔާދަ ކުރުމާ ގުޅޭ ޝަރުޠުތައް ހިމެނޭ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ.
ނަމަވެސް، ރަޝިޔާއިން ހުށަހަޅާފައިވާ ޝަރުޠުތައް ސާފެއް ނޫނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ މެންބަރު ކަން ޔޫކްރެއިނަށް ދިނުމަށް ހުރަސް އެޅުން ޝަރުޠުތަކުގައި ހިމެނޭނެ ކަމަށް ޤަބޫލު ކުރެވޭ ކަމުގައެވެ. އަދި، ރަޝިޔާއިން ވެރިވެގަނެފައިވާ ޔޫކްރެއިންގެ ބިންތަކުގެ މިލްކުވެރި ކަން އަނބުރާ ޔޫކްރެއިނަށް ދިނުމަށް އެ ޤައުމުން އިންކާރު ކުރަމުންދާ ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
މިއީ، 2024ވަނަ އަހަރުގެ އޮގަސްޓު މަހުގެ 6ވަނަ ދުވަހު ޔޫކްރެއިންގެ ސިފައިން ރަޝިޔާއަށް އަރައި، ކޫރްސްކްގެ ބައެއް ރަށްތަކާއި އަވަށްތަކަށް އަތްގަދަ ކުރި ފަހުން ޕުޓިން އެ ސަރަޙައްދަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރަޝިޔާގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފްގެ ވެރިޔާ ވަލޭރީ ގެރާސިމޮފް ވިދާޅުވީ، ޔޫކްރެއިންގެ ސިފައިން އަތްގަދަ ކޮށްފައިވާ ބިންތަކުގެ ތެރެއިން %85 ސަރަޙައްދެއް މިހާރު މިނިވަން ކޮށްފައިވާ ކަމުގައެވެ.



