-01-40bb8a38.jpg)

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ރައީސް ވްލަޑިމިޔަރ ޕުޓިން ހުށަހަޅުއްވައިފިއެވެ. 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުން ފެށިގެން ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމާ ގުޅޭ ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ޕުޓިން ހުށަހެޅުއްވުމުން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވަނީ ދަޢުވަތަށް މަރުޙަބާ ދަންނަވާފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަކީ މި ވަގުތު ހުޅަނގާއި ވިލާތަށް ކުރިމަތިވެފައި އޮތް އެންމެ ނުރައްކާތެރި ހާލަތެވެ. އަދި، 1962ވަނަ އަހަރުގެ ކިޔުބާ މިސައިލް ކާރިސާއަށް ފަހު، ހުޅަނގާއި ރަޝިޔާއާ ދެމެދު ހިނގާ އެންމެ ބޮޑު ކުރިމަތިލުމެވެ. މިއީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ވިލާތުގެ ބައްރުގައި ހިނގާ އެންމެ ބޮޑު ހަނގުރާމަ ވެސް މެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެންމެ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ހަނގުރާމަ ހުއްޓުވުމަކީ އޭނާގެ ރިޔާސީ ވަޢުދެކެވެ. ސީދާ މަޝްވަރާތައް ބޭއްވުމަށް ޕުޓިން ޒެލެންސްކީއަށް ދަޢުވަތު އެރުވުމުން ޓްރަމްޕް ވަނީ އެ ގޮވައިލުމަށް މަރުޙަބާ ދަންނަވާފައެވެ. އަދި އެއީ، އައު ދުވަހަކަށް އަލިވިލުމުގައި ގޮތުގައި ސިފަ ކުރައްވާފައެވެ.
ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ބޭއްވުމަށް ޕުޓިން ހުށަހަޅުއްވާފައި މި ވަނީ، ވިލާތުގެ ހަތަރު ޤައުމެއްގެ ވެރިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ދަތުރުފުޅެއް ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެއީ، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތުގެ އިތުރުން ޕޮލެންޑެވެ. އެ ޤައުމުތަކުން ވަނީ، 30 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޕުޓިންއަށް ގޮވައިލައްވާފައެވެ.
އަދި، އެ ގޮވައިލުމަށް ފުރަގަސްދީފި ނަމަ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އެތަކެއް ގުނައަކަށް ހަރުކަށި ކުރާނެ ކަމުގެ އިންޒާރު ވެސް ވިލާތުގެ ބާރުތަކުން ވަނީ ދީފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން ބޮޑު އިންސައްތައަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ މައި ދެ ސަރަޙައްދު ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ ގިނަ ރަށްތައް ހިމެނެއެވެ. އަދި، ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން އަތްގަދަ ކޮށްފައި ވަނީ 2014ވަނަ އަހަރުއެވެ.



