ބޭރު ފައިސާގެ ދަތިކަން ހައްލުކުރަން ހަރުދަނާ ފިޔަވަޅުތަކެއް
25 ޖުލައި 2025 - 06:30

މިފަހުން މަރުކަޒީ ބޭންކް- އެމްއެމްއޭއިން ގެނައި އެންމެ ބޮޑު ބަދަލަކީ މިނިމަމް ރިޒަރވް ރިކުއަރމަންޓް (އެމްއާރްއާރް) 7.5 އިންސައްތައިން 5.0 އިންސައްތައަށް ދަށްކުރުމެވެ.
މި ނިންމުން ނިންމީ ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ލިބެން ހުންނަ މިންވަރު އިތުރުކުރުމަށްކަމަށާއި އަދި ކޮވިޑްގެ ބަލިމަޑުކަމަށްފަހު އިޤްތިޞާދީ ރިކަވަރީ ރަނގަޅުވެފައިވީ ނަމަވެސް، ބޭރު ފައިސާއަށް އޮތް ޑިމާންޑް އަދިވެސް މަތިވުމާއެކު، ބޭންކުތަކަށާއި މުޅި އިޤްތިޞާދަށް ކުރިމަތިވެފައިވާ ލިކުއިޑިޓީގެ ޕްރެޝަރ ލުއިކޮށްދިނުމަށްކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މިނިމަމް ރިޒަރވް ރިކުއަޔަރމަންޓް (އެމްއާރްއާރް) އަކީ ކޮބާ؟
އެމްއާރްއާރް އަކީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ތެރެއިން އެންމެ މަދުވެގެން ބޭންކުތަކުން ސެންޓްރަލް ބޭންކް (އެމްއެމްއޭ) ގައި ރިޒަރވްގެ ގޮތުގައި - ރުފިޔާ ނުވަތަ ބޭރު ފައިސާއިން - ބަހައްޓަންޖެހޭ އިންސައްތައެވެ. މި ރިޒަރވްތައް ލޯނު ދޫކުރުމަށް ނުވަތަ އިންވެސްޓްކުރުމަށް ބޭނުމެއް ނުކުރެވޭނެއެވެ. އަދި މިއީ މާލީ ނިޒާމުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ޓަކައި ބެހެއްޓޭ ފައިސާއެވެ.
އެމްއެމްއޭ އިން ބޭންކުތަކަށް ރިޒަރވް ބެހެއްޓުމަށް ލާޒިމުކުރަނީ ކީއްވެ؟
އެމްއާރްއާރް އިން ކަށަވަރުކުރެވެނީ،
· ސެންޓްރަލް ބޭންކް (އެމްއެމްއޭ) އަށް އިޤްތިޞާދުގައި ދައުރުވާ ފައިސާގެ އަދަދު ކޮންޓްރޯލްކުރެވުން•
· ކްރެޑިޓް ދޫކުރުމުގެ ކުރިއެރުމާއި އަގުތައް މައްޗަށް ދިއުން ހިފެހެއްޓުން
މިއީ ދުނިޔޭގެ ހުރިހާ ސެންޓްރަލް ބޭންކުތަކުން ވެސް ފައިސާގެ ސިޔާސަތު ބެލެހެއްޓުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތެވެ.
އެމްއެމްއޭ އިން ބޭރު ފައިސާގެ ޑިޕޮސިޓްތަކަށް އެމްއާރްއާރް ދަށްކުރީ ކީއްވެ؟
އެމްއާރްއާރް ދަށްކުރުމުން ބޭންކުތަކަށް ރިޒަރވްގެ ގޮތުގައި މަދު އަދަދެއް ބަހައްޓައި، ބޭރު ފައިސާގެ އިތުރު ލޯނު ދޫކުރުމަށް ނުވަތަ ބޭނުންކުރުމަށް ލިބިގެންދެއެވެ. މިކަމުން އަންނަނިވި ކަންކަމަށް އެހީތެރިވެދެއެވެ.
· ބޭރު ފައިސާގެ ދަތިކަން ލުއިކުރުން•
· ޑޮލަރު ބޭނުންވާ ވިޔަފާރިތަކަށާއި ފަރުދުންނަށް (މިސާލަކަށް އިމްޕޯޓަށް، ބޭސްފަރުވާއަށް ދަތުރުކުރުމަށް، ބޭރުގައި ކިޔެވުމަށް) އެހީތެރިވުން•
· މުޅި އިޤްތިޞާދީ ޙަރަކާތްތައް އިތުރުކުރުން
މި ބަދަލުގެ އަސަރުކުރާނީ ކޮން ޑިޕޮސިޓްތަކަކަށް؟
މި ބަދަލުގެ އަސަރުކުރާނީ ހަމައެކަނި ބޭރު ފައިސާގެ ޑިޕޮސިޓްތަކަށެވެ. މައިގަނޑު ގޮތެއްގައި މިއީ އެމެރިކާ ޑޮލަރުންހުރި ޑިޕޮސިޓްތަކެވެ. ރުފިޔާގެ ޑިޕޮސިޓްތަކަށް މި ބަދަލުގެ އަސަރެއް ނުކުރާނެއެވެ. އަދި އެ ޑިޕޮސިޓްތަކަށް މިހާރު ކަނޑައެޅިފައިވާ އެމްއާރްއާރް އޮންނާނީ ކުރިން އޮތް މިންވަރުގައެވެ.
އެމްއާރްއާރް ބެލެންސްތަކަށް ބޭންކުތަކަށް އެއްވެސް ފައިދާއެއް ލިބޭތަ؟
އެމްއެމްއޭ އިން، ރުފިޔާގެ ރިޒަރވް ބެލެންސްތަކަށް އަހަރަކު 1އިންސައްތައިގެ އިންޓްރެސްޓް ދެއެވެ. އެމެރިކާ ޑޮލަރުގެ ރިޒަރވް ބެލެންސްތަކަށް އަހަރަކު 0.01 އިންސައްތައި ގެ އިންޓްރެސްޓް ދެއެވެ. މިކަމުން ބޭންކުތަކަށް ފައިސާ ބޭނުންނުކޮށް ބެހެއްޓުމުގެ ޚަރަދު އަނބުރާ ހޯދުމަށް އެހީތެރިވެދެއެވެ.
އެމްއެމްއޭއިން ބޭރު ފައިސާގެ އެމްއާރްއާރް ދަށްކުރުމާއެކު ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރަށް ލުޔެއް ލިބިގެންދާނެއެވެ. މީގެ ސަބަބުން ބޭންކިންގ ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާގެ ލޯނު ދޫކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް ކުރިއެރުވުމަށް ބާރަކަށް ވެގެންދާނެއެވެ. މި ބަދަލުގެ ސަބަބުން ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ލޯނު ދިނުމަށް ޓަކައި ލިބިގެންދާނެއެވެ.
އެމްއެމްއޭ އިން ދައުރުވާ ފައިސާ (މަނީ ސަޕްލައި) ބެލެހެއްޓުމަށާއި އަގުތައް މައްޗަށް ދިއުން ކޮންޓްރޯލްކުރުމަށް އެހެނިހެން ވަސީލަތްތައް ވެސް ބޭނުންކުރެއެވެ. މީގެ ތެރޭގައި އޯޕަން މާކެޓް އޮޕަރޭޝަންތައް، ޕޮލިސީ ރޭޓަށް ގެންނަ ބަދަލުތައް، އަދި ވަކި އަމާޒުތަކަކަށް ބިނާކޮށް ބޭރު ފައިސާގެ މާރުކޭޓަށް އަސަރުކުރުވުން ހިމެނެއެވެ. މި ވަސީލަތްތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން، އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމާއެކު ބޭންކިންގ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އެމްއެމްއޭ އިން މަސައްކަތްކުރެއެވެ.