ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމުގައި އަމަލުކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް: އެމްއެމްއޭ
23 ޖުލައި 2025 - 11:50

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެސްޑީއެފްސީ ގަތުމުގައި އަމަލުކޮށްފައިވަނީ ގަވާއިދާ އެއްގޮތަށްކަން މަރުކަޒީ ބޭންކް- އެމްއެމްއޭއިން ހާމަކޮށްފިއެވެ.
އެމްއެމްއޭއިން ބުނީ ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ހުށަހަޅާ މުޢާމަލާތާ ގުޅޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް އެ އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް މި މުޢާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް ބޭންކުން އަމަލުކުރިތޯ ވަނީ ބަލާފައިކަމަށެވެ. އަދި އެ އޮތޯރިޓީން، ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެކަމަށާއި އަދި ބީއެމްއެލް އިން އެ އޮތޯރީޓިއަށް ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މި ވިޔަފާރީގެ މުޢާމަލާތުގެ ހުރިހާކަމެއްވެސް ކުރިޔަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި، ޤަވާއިދުތައް އަދި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލްއިން ވަނީ އެ އޮތޯރިޓީއަށް ޔަގީންކަން ދީފައިކަމަށް މަރުކަޒީ ބޭންކުން މައުލޫމާތުދެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުންވަނީ ފާސްކޮށްފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރެއްވުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދެވުމަށް ސަރުކާރުން ބޭނުންފުޅުވާ ކަމަކަށް ވާތީ، އެސް.ޑީ.އެފް.ސީގެ ޙިއްސާ ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލެއްވުމުން، އެ ބޭންކުގެ މާލީ ޤާބިލްކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެއެވެ.
އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފައެވެ. އަދި ބިޒްނަސް ސްޓަރޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، އެސް.ޑީ.އެފް.ސީ ހިންގާނީ ޝަރީޢާގެ އުޞޫލުން މާލީ މުޢާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސް.ޑީ.އެފް.ސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށެވެ. އަދި މާލީ މުޢާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށެވެ.
މި ނިންމެވުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން، ބޭންކް އޮފް މޯލްޑިވްސްގެ ނެޓްވޯކް މެދުވެރިކޮށް މުޅިރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގގެ ޚިދުމަތް ފުޅާވެގެން ދާނެއެވެ. އަދި އެސް.ޑީ.އެފް.ސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސް.ޑީ.އެފް.ސީގެ އެފިޝަންސީ ރަނގަޅުވާނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ބެލެނިވެރިކަމާއެކު އެސް.ޑީ.އެފް.ސީގެ ގަވަރނަންސްވެސް ހަރުދަނާވެ، ރޭވުމާއި، ހިންގުމާއި، ޚިދުމަތް ދިނުމުގައި ގެންގުޅޭ އުޞޫލުތައްވެސް ހަރުދަނާ ވާނެއެވެ.