ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ފްރާންސުން ނިންމުމުން ރާއްޖެއިން މަރުހަބާކިޔައިފި
25 ޖުލައި 2025 - 13:46

ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނަން ފްރާންސުން ނިންމުމުން ރާއްޖެއިން މަރުހަބާކިޔައިފި އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނަ ކަމަށް ފްރާންސުން އިއުލާންކުރާނެ ކަމަށް އެ ގައުމުގެ ރައީސް އެމަނުއަލް މެކްރޮން ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
މެކްރޮން ވިދާޅުވީ، މެދުއިރުމަތީގައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލުހަވެރިކަމެއް ގާއިމުކުރުމަށް ފްރާންސުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަކަމަށާއި ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމަވާފައިވަނީ މި ގޮތަށް ކުރެވޭ މަސައްކަތުގެ ތެރެއިންކަމަށެވެ.
މި ވަގުތުގެ އެންމެ އިސްކަންދޭ ކަންތައްތަކަކީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނެސް، ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މެކްރޮން ވަނީ ވިދާޅުވެފައެވެ.
ފްރާންސުގެ ރައީސްގެ މި ނިންމެވުމާއެކު ދިވެހި ސަރުކާރުންވަނީ މި ނިންމެވުމަށް މަރުހަބާ ކިޔާފައެވެ.
އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ހޯދައިދިނުމަށާއި މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި، އެހީތެރިވެ އެއްބާރުލުން ދިނުމުގައި ފުރާންސް ނަމޫނާއަކަށް ބެލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.