އިންޑިއާ އައުޓް ޓީޝާޓް ނުލަން، ލައިގެން ހުރީ މިނިވަންކަމުގެ ދިފާއުގެ ޓީޝާޓް: ވަޒީރު ހަލީލް
13 އޯގަސްޓު 2025 - 06:41

އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައިގެން ހުންނަވަނިކޮށް ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާއި ގުޅުން ހުރި ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވަނިކޮށް ސޯޝަލް މީޑިޔާއިން ފެނިދާނެ ކަމަށް ހާރިޖީ ވަރީޒު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

Ad by Hajj Corporation
މެމްބަރު ނާޒިލް ވަޒީރާ ސުވާލުކުރައްވާފައިވަނީ އިންޑިއާ އައުޓް ކެމްޕޭންގައި އިންޑިއާ އައުޓްގެ ޓީޝާޓް ތުރުކުރައްވާގެ ވަޒީރު ހުންނެވިންތޯ، އަދި އިންޑިއާއެކުގައި ހާރިޖީ ގުޅުން ގާއިމުކުރުމަކީ ކޮށްގެން ނުވާނެ ކަމެއްކަމަށް ސޯޝަލް މީޑިއާއެއްގައި ވިދާޅުވެފައިވާނެތޯއެވެ.
ވަޒީރު ވިދާޅުވީ އިންޑިއާ އައުޓް ޓީޝާޓް ތުރުކުރައްވައިގެން ހުއްޓާ ސޯޝަލްމީޑިއާއިން ނުފެންނާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ދިފާއުއާއި ގުޅުން ހުރި ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވަނިކޮށް ފެނިދާނެ ކަމަށާއި އެފަދަ ޓީޝާޓެއް ލެވުނީތީ އެކަމަށް ފަހުރުވެރިވާ ކަމަށެވެ.
ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައެއް ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓައެއް، އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިފައި އޮވެދާނެ. އަޅުގަނޑު އެ ކަމާ ފަހުރުވެރިވަން. ހާރިޖީ ވަރީޒު ޑރ. އަބްދުﷲ ހަލީލް
އިންޑިއާގެ އިތުރުން އަވައްޓެރި ގައުމުތަކާއި ރާއްޖެއަށް އެހީތެރިވެދޭ ގައުމުތަކާއި އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ވަރުގަދަ ވާންޖެހޭނެ ކަމުގައި ގަބޫލުކުރައްވާ ކަމަށް ވަޒީރު ހަލީލް ވިދާޅުވިއެވެ.
އަދި މި ގުޅުންތައް ނެތި ރައްޔިތުން ބޭނުންވާ ކަންތައްތައް ހާސިލްކޮށް ދެވޭނެ ގޮތެއް ނޯންނާނެކަމަށާއި، ރާއްޖޭގެ ރައްޔިތުން އެދޭ ކަންތައްތައް ހާސިލްކުރެވޭނީ ހާރިޖީ ގުޅުންތައް ދަމަހައްޓައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ކަނޑީތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އިދިކޮޅު އެމްޑީޕީން މީގެ ކުރިން ވަނީ ރާއްޖޭގެ ޓޫރިޒަމް ބޮއިކެޓް ކުރުމަށްޓަކައި ދުނިޔޭގެ އެކި އެކި ގައުމުތަކަށް ގޮަސް ޓޫރިޒަމްގެ ދާއިރާ ބޮއިކެޓް ކުރުމަށް މަސައްކަތް ކޮށްފައިކަމަށެވެ. އަދި ޓޫރިޒަމް ބޮއިކެޓް ކުރުމަށް އެމްޑީޕީން ކުރި ކަންތައްތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ މެމްބަރުން ޔޫރަޕިއަން ޔޫނިއަން އަށް ވަޑައިގެން، ރާއްޖެއާއި ގުޅޭ ގޮތުން ދޮގު މައުލޫމާތުތަކެއް އެ ފަރާތްތަކަށް ފޯރުކޮށްދެއްވާފައިވާކަމަށް ވެސް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އެއްވެސް ގޮތެއްގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.