ފްރެންޑް 4" ދޯނި އަޑިއަށްދިޔަ ހާދިސާ: ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީއަށް އެދިއްޖެ
9 އޯގަސްޓު 2026 - 05:20

ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ބޭރުގެ ފަންނީ އެހީތެރިކަން ހޯދަމުންދާ ކަމަށް ހާރިޖީ ވުޒާރާއިން ބުނެފި އެވެ.

Ad by Hajj Corporation
މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނުގައި، ގެއްލިފައިވާ މީހުން ހޯދުމަށް މިހާތަނަށް ކަނޑާއި ވައިގެ މަގުން 7,400 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފަ އެވެ. އޭގެތެރޭގައި ވައިގެ މަގުން ބެލި 6,112 އަކަ ނޯޓިކަލް މޭލާއި، ކަނޑުމަގުން ބެލި 1,370 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދު ހިމެނެ އެވެ.
މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ގެއްލިފައި ވަނީ ދޯނިން މީހުން ސަލާމަތްކުރަން އުޅުނު ތިން މީހުންނެވެ. މި ދޯންޏަކީ ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދިޔަ ސަޕްލައި ދޯންޏެކެވެ. މިހާދިސާގައި ގެއްލިފައި ވަނީ
· ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު)
· އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު)
· ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫން (35 އަހަރު)
ހާރިޖީ ވުޒާރާއިން ބުނީ މި އޮޕަރޭޝަނަށް ބޭނުންވާ ފަންނީ އެހީ ހޯދުމަށާއި، އަޑިއަށްދިޔަ ދޯންޏާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ގެއްލުނު މީހުން ފެންނަންދެން، ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މި މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފަ އެވެ.


