42 ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރަން އިންޑިއާއާއެކު އެއްބަސްވުމަކަށް
20 ޖުލައި 2026 - 06:16
.webp&w=3840&q=75)
ދިވެހިރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީގައި އޮތް މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ.ބަލަސުބުރަމާނިއަން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، އިރުތިޝާމް އާދަމްއެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖީ. ބާލަސުބްރަމާނިއަންއެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ރާފިއުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، މި އެއްބަސްވުމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫން ކަމަށާއި، މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ، އަދި ޒުވާނުން ބާރުވެރިކުރުވުމަށާއި ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެ ގައުމުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުންނާއި ދުރުމިނުގެ ސަބަބުން ވަސީލަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތަކަށް މި މަޝްރޫއުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވީނަމަވެސް، ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ރައްޔިތުންގެ ދޮރުމައްޗަށް ގެނެސްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވިއެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ސަގާފީ ގުޅުން، ވިޔަފާރިއާއި، ސަލާމަތީ ކަންކަމާއި، ތައުލީމީ ދާއިރާއިން އިތުރަށް ވަރުގަދަވަމުންދާ ކަމަށެވެ. މިއަދު ސޮއިކުރެވުނު މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި އިންޑިއާގެ މުސްތަގުބަލު ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މި ގުޅުން އިތުރަށް ކުރިއަރައި، ކުރިއަށް އޮތް ޖީލުތަކަށް ހިތްވަރު ލިބޭނެ ފަދަ ނަމޫނާއަކަށް މިކަން ވެގެންދިއުމަށް އުންމީދުކުރައްވާ ކަމަށެވެ.


