އިސްލާމީ މަރުކަޒު ބަންދެއް ނުކުރޭ: އިމާމް

26 ޖުލައި 2025 - 08:20

އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދުކޮށްފައި ނުވާކަމަށް، އެ މިސްކިތުގެ އެއް އިމާމް އައްސައިޚް އިބްރާހިމް ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މާލެއިން މަރުހަބާ ދެއްނެވުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި ގުޅިގެން، އިއްޔެގެ އަސުރުނަމާދަށް އިސްލާމީ މަރުކަޒަށް ނަމާދަށް އެރުން މަނާކުރި ކަމަށް، މީސްމީޑިއާގައި އާއި ބައެއް މީޑިއާތަކުން ވެސް ވަނީ ޚަބަރު ފަތުރާފައެވެ.
ބައެއް މީޑިއާތަކުން މި ޚަބަރު ފަތުރަމުން ބުނެފައި ވަނީ، އިއްޔެ އިސްލާމީ މަރުކަޒުގައި އަސްރު ނަމާދަށް ބަންގި ގޮވިއިރު އިމާމު ފިޔަވައި ހުރީ އެންމެ މީހެއް ކަމަށެވެ.
މި ވާހަކަތަކާއި ގުޅިގެން އިސްލާމީ މަރުކަޒުގެ އެއް އިމާމް އައްސައިޚް އިބްރާހިމް ރަޝީދު ހަސަން މީސްމީޑިއާ މެދުވެރިކޮށް އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ އިސްލާމީ މަރުކަޒު ސަރަޙައްދު ވަކި ވަގުތަކަށް، ވެހިކަލް ވަނުމާއި ޕާކުކުރުން ވަނީ މަނާވެފައި ކަމަށެވެ.
އެކަމުގެ ސަބަބުން، އިސްލާމީ މަރުކަޒަށް ނަމާދަށް އާއްމުކޮށް އަންނަ މީހުން، ދުރު ސަރަޙައްދުގައި ޕާކުކުރަންޖެހޭތީ ނަމާދަށް އައީ މަދު ބައެއްކަމަށް ސައިޚް ވިދާޅުވެފަވެއެވެ.
"ބަންގި ގޮވިއިރު ވެސް މިސްކިތުގައި ހުރީ އެންމެ މީހެކެވެ. އަދި ނަމާދުގެ ޖަމާޢަތަށް ވެސް ހާޒިރުވީ ފަންސަވީހަކަށް މީހުންނެވެ. އެއްވެސް ޙާލެއްގައި އިސްލާމީ މަރުކަޒު ނަމާދު ނުކުރެވޭ ގޮތަށް ބަންދެއް ނުކުރެއެވެ." ސައިޚް ވިދާޅުވެފަވެއެވެ.