ވަގުފު އިމާރާތެއް އަޅައިދޭނެ ބަޔަކު ހޯދަނީ
22 ޖުލައި 2025 - 14:22

މާލޭގައި ވަގުފު އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
މާލޭގައި އިމާރާތްކުރާ ވަޤްފު އިމާރާތަކީ "ދާރުލް އަރްޤަމް"އެވެ. މި އިމާރާތް އަޅަނީ މާލެ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެކަމަށް އެދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ރަޖިސްޓްރީވާންޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.
"މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދު" ގައިވާ ގޮތުގެމަތީން ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ." މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.
ވަޤްފު އިމާރާތްތަކުން ލިބޭ ފައިސާ ޚަރަދުކުރަނީ ދީނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމާއި ވަސީލަތްތައް ޤާއިމުކުރުމަށެވެ. މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް ވަޤްފު އިމާރާތް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މިހާރު ރާއްޖޭގައި ހިންގަމުންދާ ހަމައެކަނި ވަޤްފު އިމާރާތަކީ މާލޭގައި ހުންނަ ދާރުލްއިމާނެވެ. އެތަނުން އަހަރަކު 6 މިލިޔަން ރުފިޔާ ވަޤްފު ފަންޑަށް ލިބެއެވެ.