ފުލުހުންގެ ފުޅަނދުން އާއްމުންނަށް ދިނީ އެއްބައިވަންތަކަމާއި ރައްކާތެރިކަމުގެ މެސެޖުތައް
28 ޖުލައި 2025 - 11:49

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް ދިވެހިބަހާއި، ސަގާފަތާއި އަދި ތަރިކައާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި ފުޅަނދު ބުރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. އުފެއްދުންތެރިކަމާއި، ތަރިކައާއި އަދި އައު ގޮތްތައް ދައްކުވައިދޭ ގިނަ ފުޅަނދުތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުޅަނދު ފާހަގަކޮށްލެވުނީ އާންމު ހިދުމަތުގެ މައިގަނޑު ސިފަތައް ދައްކުވައިދިން ފުޅަނދެއްގެ ގޮތުގައެވެ. އެއީ ރައްކާތެރިކަމާއި، އިތުބާރާއި އަދި މުޖުތަމައުގެ އެއްބައިވަންތަކަމެވެ.
މިއަހަރުގެ މި ޚިދުމަތުގެ ފުޅަނދަކީ ހަމައެކަނި ފުޅަނދު ބުރުގެ ބަޔަކަށްވުރެ ފުޅާ މާނާއެއް އެކުލެވޭ ފަރުމާއެއްކަމަށް ފުލުހުންވަނީ ބުނެފައެވެ. ފުލުހުން ފުޅަނދުގެ އެންމެ ކުރީގައި ނެޝަނަލް އިމަރޖެންސީ ކޯލް ސެންޓަރު 911 އެވެ. މިއީ ރައްޔިތުންގެ ތަސައްލީތަކަށް އަވަހަށް އިޖާބަދިނުމާއި، އިތުބާރު ހޯދުމާއި އަދި ދެގޮތެއް ނުވާ ފުލުހުންގެ ހިދުމަތުގެ ނިޝާނެކެވެ. އެލްއީޑީ ސްކްރީންތަކުގައި ލައިވް ސީސީޓީވީ މަންޒަރުތަކާ އެކު ކުށަށް ހޭލުންތެރި ކުރުމުގެ މެސެޖުތައް ދައްކަމުންދިޔައެވެ. މިއީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ބޭނުންކުރަމުން ގެންދާ ވަސީލަތްތަކުގެ ތަސައްވުރެކެވެ.
ކޯލް ސެންޓަރުގެ ފަހަތުގައި ވަނީ ބަގީޗާއެއް ފަރުމާކޮށްފައެވެ. މިއީ ފުލުހުން ބިނާކުރަން މަސައްކަތްކުރާ މުޖުތަމައު ތަމްސީލުކޮށްދޭ މަންޒަރެކެވެ. އެއީ ރައްކާތެރި، ގުޅި ލާމެހިފައިވާ އަދި އުންމީދުން ފުރިގެންވާ މުޖުތަމައެކެވެ. މި ބަގީޗާ އަލިއަޅުވާލަނީ މާނަ ފުން މެސެޖަކަށެވެ.
" ކުށްކުރުމުން ދުރުހެލިވާށެވެ! ރަނގަޅު ގޮތް ހިޔާރުކޮށްފިނަމަ، ދިރިއުޅުން އުޖާލާވާނެއެވެ."
ފުޅަނދަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އެކި ދާއިރާތަކުގެ ޔުނިފޯމު ލައިގެން ތިބި ފުލުހުން މި ފުޅަނދު ބުރުގައި ބައިވެރިވުމެވެ. މީގެ ތެރޭގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ފުލުހުންނާއި، ހާއްސަ ޔުނިޓުތަކުގެ ފުލުހުން ހިމެނެއެވެ. މިއިން، ކޮމިޝަނަރ އޮފް ޕޮލިސް އަބަދުވެސް ތަކުރާރުކޮށް ވިދާޅުވާ މުހިންމު މެސެޖު ‘’ފުލުހުންގެ ކޮންމެ ޔުނީފޯމަކުން ދައްކައިދެނީ ގައުމާއި ރައްޔިތުންނަށްޓަކައި ކޮށްދެވޭ ހާއްސަ ޚިދުމަތެއް'' ފޯރުކޮށްދެއެވެ.
މީގެ އިތުރުން، ފުޅަނދުގައި، ސްކޭމްއާއި މަގުމަތީގެ ރައްކާތެރިކަމަށް ހޭލުތެރިކަން އިތުރުކުރުމުގެ ގޮތުން ކުރު ޑްރާމާ ތަކެއް ހިމެނިފައިވެއެވެ.
ފުލުހުން ބުނީ އެންމެންނަށް ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ދާނީ އެކުގައި ކުރިއަށްކަމަށެވެ.