ލަންކާގައި ވަޒީފާ އަދާކުރާ އަދި ކިޔަވާ ދިވެހިން ޢާއިލާތަކަށް އަހަރުދުވަހުގެ ވިސާ ދެނީ
29 ޖުލައި 2025 - 05:07

ސްރީ ލަންކާއަށް ބޭސް ފަރުވާއަށް ދާ ދިވެހީންނަށާއި އެ ގައުމުގައި ކިޔެވުމަށް އަދި ވަޒީފާ އަދާކުރުމަށް އުޅޭ ދިވެހީންގެ އަނބިން ނުވަތަ ފިރިންނަށް އެއް އަހަރު ދުވަހުގެ ވިސާ ދިނުމަށް އެ ގައުމުން ނިންމާފައި ވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުން ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދިވެހިންނަށް އެއް އަހަރުގެ މެޑިކަލް ވިސާ އަދި ސްޕައުސް ވިސާ ދިނުމަށް ލަންކާ ސަރުކާރުން ނިންމި ނިންމުމަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިޔަފާރީގެ ދާއިރާއާއި، ދިފާޢީ ދާއިރާއާއި، ތަޢުލީމާއި، ވޮކޭޝަނަލް ތަމްރީނާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން، ތިމާވެއްޓާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް 2 ފަރާތަށްވެސް ހުރި ފުރުޞަތުތައް ދެނެގަނެވިފައިވާކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު ބަދަލުކުރެވުނު އެއްބަސްވުމުން ދޭހަކޮށްދެނީ ދެޤައުމުގެ މެދުގައި ވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެޤައުމުންވެސް ދޭ އަހައްމިއްޔަތުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ޖުލައި 26، 1965 ގައެވެ. ލަންކާ ހިމެނެނީ ރާއްޖެއާއި އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރި ގައުމުތަކުގެ ތެރޭގައެވެ.