ގަދަ ވަޔާއެކު ވީއައިއޭއަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެ

30 ޖުލައި 2025 - 01:42

މާލެ ސަރަހައްދަށް އިއްޔެ މެންދުރު ކުރި ވިއްސާރައިގައި ވައިގަދަވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަގުގައި ހުރި ގިޑިގެއެއް ވެއްޓިއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި މި ހާދިސާ ހިނގީ މެންދުރު 1:30 ހާއިރުގައެވެ.

Ad by Hajj Corporation
ބެލެވޭގޮތުގައި މިއީ ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާ ގުޅިގެން ޖަހާފައިވާ ގިޑިގެއެކެވެ. މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އަދި އެ މަގުން ދަތުރުކުރި އެއްވެސް އުޅަނދަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ވަގުތު މަގު ބަންދުވެ، ދަތުރުފަތުރަށް ކޮންމެވެސް ވަރަކަށް ބުރޫ އަރާފައިވެއެވެ.
ފުލުހުންނާއި އެމްއޭސީއެލްގެ މުވައްޒަފުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް، ވެއްޓުނު ގިޑިގެ ނަގައި މަގު ސާފުކޮށްފައެވެ. އެއަށްފަހު ވަނީ އާންމު ދަތުރުފަތުރަށް މަގު ހުޅުވާލާފައެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން އާދީއްތަ ދުވަހު ދެއްވި މަޢުލޫމާތުގައި، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން އިއްޔެ މުޅި ރާއްޖެ އަށް ނެރުނު މޫސުމީ އެލާޓްގެ ވައިޓް އެލާޓްގެ ވަގުތު ރޭ 20:00 އަށް ހަމަވެފައިވާއިރު، އޭގެ ފަހުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅު ހިމެނޭ ސަރަހައްދުގެ އަޔޮޅުތަކަށް ނެރުނު ވައިޓް އެލާޓްގެ މުއްދަތު ހެނދުނު 7:00 އަށް ހަމަވުމުން، އެ ސަރަހައްދުތަކަށް ނެރުނު އެލާޓްގެ ވަގުތު މެންދުރު 13:00 އާއި ހަމައަށް ވަނީ މިހާރު ދަންމާލާފައެެވެ.