ޣާޒީ ސްކޫލަށް 18 ކުލާސް ރޫމް އިތުރުކުރަން ބަދަހި އިންވެސްޓްމަންޓަށް
31 ޖުލައި 2025 - 08:53

ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލަށް 18 ކުލާސް ރޫމް އިތުރުކުރުމުގެ މަސައްކަތް ބަދަހި އިންވެސްޓްމަންޓާ ހަވާލުކޮށްފިއެވެ.
އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 23.7 މިލިޔަން ރުފިޔާއަށް 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ހުޅުމާލެއަށް އިތުރުވަމުންދާ އާބާދީއާ އެއްވަރަށް ސްކޫލްތައް އިމާރާތް ކުރެވިފައި ނުވާތީ، މިހާރު ހުރި ސްކޫލްތަކަށް ޖާގައިގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ހުޅުމާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ޣާޒީ ސްކޫލުގައި އިމާރާތްކުރާ ކުލާސް ރޫމްތައް ނިމުމުން އަންނާނެ ކަމަށާއި ދިރާސީ އާ އަހަރު އެ ކުލާސް ރޫމްތަކުގައި ކިޔަވައިދެވޭ ވަރަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ގުރޭޑް 10އާ ހަމައަށް ކިޔަވައިދެމުން އަންނަ ޣާޒީ ސްކޫލަށް 18 ކުލާސްރޫމް އިތުރު ކުރަން ބީލަމަށް ލީ މެއި މަހުގެ ތެރޭގައެވެ.
މާލޭގެ ސަރަހްދުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ސްކޫލުގެ ކިޔެވުން ދިރާސީ އާ އަހަރު ފަށާނެއެވެ. އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.