މިފްކޯގެ ފިހާރައެއް ލަންކާގައި ހުޅުވަން މަޝްވަރާކުރަނީ
2 އޯގަސްޓު 2025 - 10:14

ސްރީލަންކާގައި މިފްކޯގެ ޑިސްޓިބިއުޓަރ ސެންޓަރ އަކާއި ޝޯވް ރޫމެއް ހުޅުވުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެއެވެ.
ސަފީރު މަސްއޫދު މިގޮތަށް ވިދާޅުވެފައި ވަނީ ދިވެހިންނަށް ސްރީލަންކާގައި އިންވެސްޓް ކުރުމަށް ފަހި މާހައުލެއް އޮތް ކަމަށް އެގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ ދިވެހި ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
މަސްއޫދު ވިދާޅުވީ މިފްކޯއިން ލަންކާގައި ޑިސްޓިބިއުޓަރ ސެންޓަރ އެއް ހުޅުވުމާއެކު، ޝޯވް ރޫމެއް ހުޅުވުމަށް މިހާރު ދަނީ މަޝްވަރާތައް ކުރެވެމުން ކަމަށެވެ. އެގޮތުން މަސްއޫދު ވިދާޅުވީ މިފްކޯ އިން ދަނީ އެކުންފުނިން ސާފުކުރަންޖެހޭ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތްތައް ކުރަމުންކަމަށާއި، އެ މަސައްކަތްތައް ނިމުމާއެކު މިފްކޯގެ ބޭފުޅުން ލަންކާއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.
މަސްއޫދު ވިދާޅުވީ ލަންކާގައި ދިވެހި މަހަށް ބޮޑު މާރކެޓެއް އޮންނަކަމަށާއި، އެހެން ކަމުން މޯލްޑިވްސް ޓޫނާ ފިޝް އަކީ ލަންކާގެ ލޭބަލެއް ކަމަށެވެ. އަދި ލަންކާގައި މިފްކޯގެ މަސްފިހާރައެއް ހުޅުވިއްޖެނަމަ އޭގެ ސަބަބުން ދެ ގައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރިއަށް ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް މަސްއޫދު ވިދާޅުވިއެވެ.
މަސްއޫދު ވިދާޅުވީ ލަންކާގެ ސަރުކާރުން ވަނީ މަސްވެރިކަމުގެ ފެކްޓްރީއެއް ގާއިމުކުރުމަށް ބިން އެގައުމުން ހަމަޖައްސައި ދޭނެ ކަމަށް ވެސް ފާހަގަ ކުރައްވާފައެވެ.
މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމެންޓް ހޯދުމަށް އެ ގައުމުން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، އަވަށްޓެރި ސްރީލަންކާގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ދިވެހިންނެކޭ އެއްގޮތަށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަން އެގޮތްތަށް ދަސްކުރުމުގެ ޝައުގުވެރިކަން އެގައުމުން ފާޅުކޮށްފައިވާ ކަމަށް މަސްއޫދު ވިދާޅުވިއެވެ.