ހާލު ކިހިނެއް؟ ޕްރޮގްރާމް 15 އަތޮޅެއްގައި
2 އޯގަސްޓު 2025 - 11:19

ރައްޔިތުންގެ އިޖުތިމާޢީ ޙާލަތު ދެނެގަތުމަށް ކުރިއަށްގެންދާ "ހާލު ކިހިނެއް؟" ޕްރޮގުރާމް މިހާތަނަށް 15 އަތޮޅެއްގައި ކުރިއަށް ގެންގޮސްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމް އެންމެ ފަހުން ކުރިއަށްގެންދިޔައީ ދ. އަތޮޅުގައެވެ. ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހާލު ކިހިނެތް؟ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާއިރު މި ޒިޔާރަތްތަކުގެ ތެރެއިން އެ އަތޮޅުގެ ރަށްރަށުގައި މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކުރުމާއެކު، ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕް ކުރުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.

Ad by Hajj Corporation
ހާލު ކިހިނެއް ޕްރޮގުރާމް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.
ހާލު ކިހިނެއް ޕްރޮގްރާމް ހުޅުމާލެ ފޭސް-1 ގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން މި ޕްރޮގްރާމް ފެށުމަށް ހުޅުމާލޭ ނެއިބަރހުޑް ޕޮލިސްއާއެކު މަޝްވަރާކޮށްފައިވާއިރު މި މަޝްވަރާތަކުގައި ފުލުހުންނާ ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާމެދު ހިޔާލު ބަދަލުކޮށްފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ. އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކޮށްފައިވާކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
ވުޒާރާގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ހާލު ކިހިނެއް؟ ޕްރޮގްރާމް ކުރިއަށް ގެންދިއުމެވެ. އެގޮތުން މިއަހަރުގެ ތެރޭގައި މ، ވ، އއ، އދ އަތޮޅުގެ ހުރިހާ ރަށެއްގައިވެސް "ހާލު ކިހިނެއް؟" ޕްރޮގުރާމް ފަށްޓާނެކަމަށް ވުޒާރާއިން މައުލޫމާތުދެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް ހާލު ބަލައި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.