އިސްރަށްވެހިންނަށް ޤަދަރުކޮށް އެ ފަރާތްތަކުގެ ޚިދުމަތުގެ އަގުވަޒަންކުރަން ޖެހޭ
1 އޮކްޓޯބަރު 2025 - 05:26

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރުމަހުގެ 1ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ މުޖުތަމައުގައި އިސްރަށްވެހިންގެ ދައުރު ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުމަށެވެ.
ބައިނަލްއަޤްވާމީ އިސްރަށްވެހިންގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ރަށު ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި އިސްރަށްވެހިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން "އިސްރަށްވެހިންގެ އުންމީދުތައް، ދުޅަހެޔޮކަން، ޙައްޤުތައް" އެވެ. އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައާއި، ތަޢުލީމީ ހަރުދަނާ ޖީލެއް އުފެއްދުމުގައި މިންނަތާއެކު މަސައްކަތްކޮށްފައިވާ މޭސްތިރިން ކަމުގައިވާތީ، އެ ފަރާތްތަކުގެ އުންމީދުތައް ހާސިލުކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރުމަށް މިއަހަރުގެ ޝިޢާރުން ބާރުއަޅައެވެ.

Ad by Hajj Corporation
އަދި އިސްރަށްވެހިންނަކީ މުޖުތަމަޢުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، ކަންކަމުގައި އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މާނަވީ ގޮތެއްގައި އިސްރަށްވެހިންގެ ދުޅަހެޔޮކަން ތަރައްޤީކުރުމަށް ރަށު ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތައް ހިންގުމަށްވެސް މި ޝިޢާރުން ބާރުއަޅައެވެ.
ރާއްޖެއަކީ ހަލުވިމިނުގައި އާބާދީ ބަދަލުވަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކަށް ބަދަލުވަމުންދާއިރު، މިކަމުގެ ސަބަބުން އިޖްތިމާޢީ، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާތަކަށް ކުރާނެ އަސަރުތައް ދެނެގަތުން މުހިންމެވެ. ދުވަސްވަމުންދާ ދުނިޔެއެއްގައި އިޖްތިމާޢީ ތަރަރައްޤީ ޙާޞިލުކުރުމަށްޓަކައި، އުމުރަށް އަމާޒުކޮށްގެން އެކުލަވާލެވޭ ސްޓްރެޓެޖީތައް ތަންފީޒުކުރުމާއި، އެންމެންނަށް ހަމަހަމަ އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތަކާއި އިޖްތިމާޢީ ރައްކާތެރިކަމަށް ހަމަހަމަކަމާއެކު ވާޞިލުވުމުގެ މަގު ތަނަވަސްކޮށްދިނުމާއި، އަދި އެއްވެސް ތަފާތުކުރުމެއްނެތި މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި އުމުރުން ދުވަސްވީ މީހުން ފުރިހަމައަށް ބައިވެރިވުމަށް ބާރުއެޅުން ހިމެނޭ ސިޔާސަތުތައް އެކުލަވާލުން މުހިންމެވެ.
އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި، އޯގާތެރި އަދި އަޅާލުން ލިބޭ މާޙައުލެއް މުޖުތަމަޢުގައި ޤާއިމްކުރުމަށް 'އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު' ވަނީ އެކުލަވާލެވިފައެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންގެ ޢިއްޒަތާއި ކަރާމާތް ހިމާޔަތްކުރުމާއި، އެ ފަރާތްތަކުގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމެވެ. މީގެއިތުރުން، އެ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރުމާއި، މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު، ދުޅަހެޔޮ ޞިއްޙަތެއްގައި މިނިވަންކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ. މި ސިޔާސަތު ފުރިހަމައަށް ތަންފީޒުކުރެވިގެންދާ ހިނދު، އުމުރުން ދުވަސްވީ މީހުންނަކީ މުޖުތަމަޢުގެ އަގުހުރި، އިޙްތިރާމް ލިބޭ އަދި ފުރިހަމައަށް ބައިވެރިވާ ބައެއްގެ ގޮތުގައި ދެމިތިބުމަށް މަގުފަހިވެގެންދާނެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އާބާދީގައި ތިބި ދޮށީ އުމުރުގެ މީހުންނަކީ ޢާއިލީ ލޯތްބާއި އަޅާލުމާ، ޢާއިލީ ގުޅުންތަކުގެ ހިތްހަމަޖެހުން ލިބޭ ބައެއްކަން ކަށަވަރުކޮށް، ޢާއިލާތައް ބިނާކުރުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ދޮށީ އުމުރުގެ ފަރާތްތައް ބަލަހައްޓާ ޢާއިލާތަކަށް ސަރުކާރުން އަލަށް ތަޢާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ޕޮއިންޓް ލިބޭނެ އުޞޫލުތައް ވަނީ ކަނޑައެޅިފައެވެ.
އިސްރަށްވެހިންނަކީ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީގޮތުން ދުޅަހެޔޮ ބައެއްކަން ކަށަވަރުކުރުމާއެކު، މުޖުތަމަޢުގައި އެމީހުންގެ ޝާމިލުވުން އިތުރުކޮށް ހަރަކާތްތެރި ބަޔަކަށް ހެދުމަށް، އިސްރަށްވެހިންނަށް ޚާއްޞަ ހަރަކާތްތަކެއް ހިންގޭނެ ޖާގަތަކެއް ތަރައްޤީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެމަނިކުފާނުގެ މި ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެމަތިން ފުރަމާލެ އަދި ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ޤާއިމްކުރެވި، އިސްރަށްވެހިންނަށް ޚާއްޞަ ހަރަކާތްތައް ހިންގަން ފެށިފައިވާއިރު، މިއަދު މި ތަންތަން ވެފައިވަނީ އިސްރަށްވެހިން އެއްވެ އުފާވެރި ވަގުތުތައް ހޭދަކުރާ ވެއްޓަކަށެވެ. މިފަދަ ޖާގަތައް އަތޮޅުތެރޭގައި ޤާއިމްކުރުމަށް ކައުންސިލްތަކާއެކު ގާތުން މަސައްކަތްކުރެވެމުންދާއިރު، ކައުންސިލްތަކުގެ ފަރާތުން މި ކަންކަމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތްކުރަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ.