އުމުރުން ދުވަސްވީ މީހުންނަށް ރަށްރަށުގައި ހާއްސަ މަރުކަޒުތަކެއް އަޅަނީ
29 ޑިސެމްބަރު 2025 - 10:39

އުމުރުން ދުވަސްވީ މީހުން އެއްތަނަކުން ދިމާވެ، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ހަރަކާތްތައް ހިންގަން ހާއްސަކޮށްގެން ރަށްރަށުގައި މަރުކަޒުތަކެއް އަޅަން ސަރުކާރުން ނިންމާފައިވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކޮށްފައިވަނީ އެވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation
އައިޝަތު ޝިހާމް ވިދާޅުވީ އިސްރަށްވެހިންނަށް ހާއްސަ ތަންތަން ރަށްރަށުގައި ހުރުން ވަރަށް މުހިންމު ކަމަށް ފެންނާތީ އެ ތަންތަން އެޅުމުގެ މަޝްވަރާތައް ރަށު ކައުންސިލަތަކާ އެކު ކުރަމުން އަންނަ ކަމަށެވެ.
އެ މަޝްވަރާ އިން މިހާތަނަށް 77 ކައުންސިލަކުން އެ ރަށްރަށުގައި ނާދީ ނުވަތަ ޖަގަހަ އަޅަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ނާދީއެއް ހެދިދާނެ ރަށްތަކުގެ މީހުންނާ އެކު ތަމްރީނުތަކެއް ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ. މި މަސައްކަތުގެ ދަށުން އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިގެންދާނެއެވެ.
އެ ތަންތަން ހިންގަން ނިންމާފައި ވަނީ މާލޭގައި ކުރީގެ ގުރުއާނާ ބެހޭ މަރުކަޒުގެ ނާދީއާ އެއްގޮތަށް ކަމަށާއި އެ ތަނުން ލިބޭ ހިދުމަތްތައް ރަށްރަށުން ވެސް ލިބޭނެ ގޮތަށް ހަމަޖައްސާނެ ކަމަށް ވަަޒީރު ވިދާޅުވި އެވެ.
މީގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ އިސްރަށްވެހިންނަށް އެކަނިވެރިކަމުން ދުރުވެ، އެކަކު އަނެކަކާ ބައްދަލުވެ އުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.


