ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު ޢާއިލާތަކާ ވަނީ ޙަވާލުކޮށްފަ: ވަޒީރު
25 މާރިޗު 2026 - 08:51
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު ޢާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަޒީރު ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލާތަކާ ޙަވާލުކުރުން ނުވަތަ ފޮސްޓަރކުރުމުގެ މަރުހަލާ ކުރިން އޮތްގޮތުން އެކަން ވަރަށް ދިގުލައިގެންދާތީ، އެކަމުގެ ޝައުގުހުރި އާއިލާތަކަށް އުނދަގޫތަކެއް ކުރިމަތިވާކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation
އެހެންވެ"ޓެމްޕަރަރީ ފޮސްޓަރިން"ގެ ނަމުގައި އެކަމުގައި ލުއިގޮތްތަކެއް ހަމަޖައްސާފައިވާކަމަށާއި، ކުދިން ފޮސްޓަރކުރާ އާއިލާތަކުގެ ތެރެއިން މާލީގޮތުން ދަތިކަން ހުރި އާއިލާތަކަށް ދައުލަތުގެ ތެރެއިން ކުއްޖަކަށް 5000 ރުފިޔާ މަހަކު ލިބޭގޮތަށް ޚާއްސަ އެލަވަންސްއެއް ހަމަޖައްސާފައިވާކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފޮސްޓަރކުރާ ކުދިންގެ ތެރޭގައި ވަރަށް ތުއްތުކުދިން ތިބޭކަމަށާއި ބައެއް ފަހަރު ހޮސްޕިޓަލްގެ ތެރެއިން ހަވާލުވާ ކުދިންވެސް ތިބޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ކުދިންނާ ޙަވާލުވާ އާއިލާތަކަށް ވަޒީފާގައި އުޅެމުން ތުއްތުކުދިންނާއެކު ވަގުތު ހޭދަކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭތީ އެފަދަ އާއިލާތަކަށް ސިވިލް ސަރވިސްގެ ތެރެއިން ޚާއްސަ ޗުއްޓީއެއް ލިބޭނެ އިންތިޒާމް އަންނަމަހު ހަމަަޖެހިގެންދާނެކަމަށްވިދާޅުވިއެވެ.
މީގެއިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރކުރާ މިންވަރު މިހާރު އިތުރުވަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިއީ އުފާކުރަންޖެހޭކަމެއްކަމަށެވެ. އެގޮތުން 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް 111 ކުއްޖަކު އާއިލާތަކާ ޙަވާލުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ އެފަދަ ކުދިންނަަށް އަނބުރުވެރި އަދި ރައްކާތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބިގެންދާ ހިތްވަރެއްކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.


