ރައީސްގެ ވަޢުދާ އެއްގޮތަށް ހާފިޒުންގެ އެލަވަންސް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް ބޮޑުކޮށްފި

4 އޯގަސްޓު 2025 - 01:47

ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެގޮތުން ރައީސުލްޖުމުހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް 2،000 ރުފިޔާއިން 4،000 ރުފިޔާއަށް ބޮޑުކޮށް، ބޮޑުކުރި އެލަވަންސް އާދީއްތަ ދުވަހު ޖަމާކޮށްދީފިއެވެ.
އިސްލާމިކް މިނިސްޓްރީން އާދީއްތަ ދުވަހު ބުނީ، ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ޖުލައި މަހުން ފެށިގެން ރައީސުލްޖުމުހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންގެ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ.
މިގޮތުން ހާފިޒުންނަށް ބޮޑުކުރި އެލަވަންސް އާދީއްތަ ދުވަހު ޖަމާކޮށްދީފައިވާ ކަމަށްވެސް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޙާފިޒުންނަށް ދޭ އެލަވަންސް ދެގުނަ ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެންމެ އިސްކަމެއް ދެއްވާނެ ޤައުމީ ވާޖިބަކީ މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދިނުން ކަމަށެވެ. އަދި ކީރިތި ޤުރްއާނުގެ ޢިލްމާއި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ސަރުކާރުން އަވަސް ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކުރިން ކީރިތި ޤުރްއާން ހިތުދަސް މީހުން މަދު ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާކަމެވެ.