ލާމަރުކަޒީ ގާނޫނުގެ އިސްލާހްގެ ބިލުން ކައުންސިލްތަކަށް ނަޒާހަތްތެރިކަމާއި ބާރުވެރިކަމާއި ފަހިކަން

5 އޯގަސްޓު 2025 - 02:40

ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއި އިޚްތިޔާރުތައް ބޭނުންކުރުމުގައި ނަޒާހަތްތެރިމަގަކުން، ވަސީލަތްތައް ހަމަގޮތުގައި ބޭނުންކުރުމަށް މަގުފަހިވެފައިވާ ނިޒާމެއް ގާއިމުކުރެވިފައި އޮތުމަކީ ކައުންސިލްތަކުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި އުންމީދު ބޮޑުކޮށްދޭނެކަމެކެވެ. ޚާއްޞަކޮށް ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރުގައި ބޮޑެތި ނިންމުންތައް ނިންމުމުގައި ވަކި އުސޫލުތަކެއް ގެންގުޅުމަކީ މުޖުތަމަޢުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކޮންމެހެން ބޭނުން ކަމެކެވެ. އަދި އެކައުންސިލެއްގެ ހިމެނޭ މެމްބަރުންގެ ނަޒާހަތްތެރިކަމާމެދު ރައްޔިތުންގެ އިތުބާރުބޮޑުވެ، އަލަށް ހޮވޭ ކައުންސިލަކަށް ކަންކަން ފަހިވެގެންދާނެ ކަމެކެވެ.
މިފަދަ އިސްލާހްތަކަކަށް މަގުކޮށައިދޭ ބިލެއް ސަރުކާރުގެ ފަރާތުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވަނީ މިހާރު މަޖިލީހަށް ހުށަހަޅުއްވާފައެވެ. އަދި އެ ބިލު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބުތިދާއީ ބަހުސް މަޖިލީހުގެ ތަޅުމުގައި އިއްޔެ ވަނީ ފަށާފައެވެ.
އިޞްލާޙުތަކުގެ މަޤްޞަދު
މި ބިލުގެ މަގްސަދެެއްކަމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީގެ ކުންފުނިތައް ވިޔަފާރި ހަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުން ކަނޑައެޅުމާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލަށް ފައިސާ ދިނުމުުގައި ޢަމަލުކުރާ ބައެއް އުސޫލްތައް މުރާޖަޢާ ކުރުމާއި، ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
އިޞްލާޙުގެ މުހިންމު ނުކުތާތައް
މި ބިލުގައި ބުނެފައިވާގޮތުން ކައުންސިލްތަކުގެ އުމުރު ހަމަވުމުގެ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމުގެ ކަންކަން ކުރެވޭނީ ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭ އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށެވެ.
މިއިސްލާހްގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް އިގްތިސާދީ ހަރަކާތްތައް ހިންގޭނީ އަމިއްލަ ފަރާތްތަކުން އެފަދަ މަސައްކަތެއް ނުކުރާނަމައެވެ. އަދި އެ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތަކަށް ނުވެ، އިންވެސްޓްމަންޓްގެ އަގު 10 މިލިއަން ރުފިޔާއަށްވުރެ ކުޑަ މަސައްކަތަކަށް ވާންޖެހޭނެއެވެ.
އިސްލާހްތަކުގެ ބޭނުމާއި މުހިންމުވާ ސަބަބުތައް
މި ބިލު ހުށަހަޅުއްވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ފާހަގަކުރެއްވި ގޮތުގައި މި އިޞްލާޙުތައް މުހިންމުވަނީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ވިޔަފާރީގެ ހަރަކާތްތަކުގެ ދާއިރާ ސާފުކޮށް ކަނޑައެޅުމާއެކު އާންމު ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވައި، އެފަދަ ވިޔަފާރިތައް ގާނޫނީ އަދި ހާމަކަން ބޮޑު އޮނިގަނޑުތަކެއްގެ ތެރޭގައި ހިނގާކަން ކަށަވަރު ކޮށްދޭތީއެވެ.
''މި އިޞްލާޙަކީ ދައުލަތުގެ އެހީ ދޫކުރުމުގެ ގަވާއިދުތައް މުރާޖާކުރެވި ބޭނުންތެރިކަމާއި ކައުންސިލްތައް ބާރުވެރިކުރެވި، ޢަދުލު ވެރިކަމާއެކު އެހީ ބެހުމުގައި އެހީތެރިވެދޭނެ އިޞްލާޙެއް ކަމުގައިވުމީ މި އިޞްލާޙް މުހިންމު ވާ ސަބަބެއް ކަމުގައި ދެކެން. އޭގެ އިތުރުން މި އިޞްލާޙްގެ ސަބަބުން ފަންޑިންގ ޕްރޮސެސް ތެރެއިން ފޭވަރިޒަމް، ކޮރަޕްޝަން ނުވަތަ ގޯސް މެނޭޖްމަންޓެއްގެ ނުރައްކާ ކުޑަކޮށްދޭނެ'' އިސްލާހްގެ މުހިންމުކަން ފާހަގަކުރަށްވަމުން މެމްބަރު ވިދާޅުވެފަވެއެވެ.
ހޯމަ ދުވަހު މިބަލަށް ވާހަކަ ދައްކަވަމުން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެފައި ވަނީ މި ބިލުގައި މައިގަނޑުގޮތެއްގައި ބުނެފައި ވަނީ ކައުންސިލްތަކުގެ ފަސް އަހަރުގެ ދައުރު ހަމަވުމަށް އެއް އަހަރަށް ވުމުން ބޮޑެތި ކަންތައްތަކެއް ނިންމުން އެއީ ރަނގަޅުކަމެއްނޫންކަމަށެވެ.
''މި އިޞްލާޙްގެ މައިގަނޑުގައި މިވާ ޙަޤީޤަތުގައި މިބުނަނީ ލޯކަލް ކައުންސިލްތައް އެ ކައުންސިލް ތަކެއްގެ ދައުރު، މިސާލަކަށް އެއީ 5 އަހަރުގެ ދައުރެއް ކަމަށް ވަންޏާ 4 އަހަރު ދުވަހު މަސައްކަތްކޮށްފައި، އެ ބޭފުޅުން ހަމަ މިހާރު މިއޮތް ނިޒާމްގެ ތެރެއިން މަސައްކަތްތައް ފުރިހަމަކޮށްފައި އެއް އަހަރު ދުވަހަށްކައިރިވީމާ ނުވަތަ އެއް އަހަރަށް ބަދަލުވީމާ އެ އެއްއަހަރު ދުވަސް ތެރޭގައި ކައުންސިލްގެ ބޮޑެތި ކަންތައްތައް ނިންމުން އެއީ ރަނގަޅު ކަމެއް ނޫނޭ.'' ފަލާހް ވިދާޅުވިއެވެ.
ފަލާހްގެ ވާހަކާގައި ވިދާޅުވީ، ސަރުކާރުން މި އިސްލާޙް ހުށަހަޅާފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ކާމިޔާބުވާނެތޯ ނޫންތޯ ވިސްނައިގެން ނޫންކަމަށެވެ.
''އަޅުގަނޑުމެން މި އިޞްލާޙް މި ހުށަހެޅީކީ އެއްގޮތަކަށް ވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ޕީއެންސީއަށް ކާމިޔާބު ވާނެތޯ ނުވާނެތޯ؟ މިއްޔެއްނޫން، އަޅުގަނޑުމެންގެ މިހާރުގެ ސަރުކާރުން ގާނޫނު ތަކަށް އިޞްލާޙް ގެނައުމާއި، އަލަށް ގާނޫނުތައް މި މަޖިލީހަށް ހުށަހަޅަނީ އިންތިޚާބުތަކާއި ގުޅު ވައިގެންނެއް ނޫން، އެކަން ވަރަށް ބޮޑަށް ސާފުވާނެ މި މަޖިލީހުގައި މަސައްކަތްކުރައްވާ އިއްޒަތްތެރި މެންބަރުންނަށް'' ފަލާހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކައުންސިލްތަކުގެ ދައުރު ހަމަވާން އަހަރަކަށް ކުޑަވުމުން ބޮޑެތި ބިންތައް ދޫކުރުމާއި، ކޮންޓްރެކްޓް ވަޒީފާތައް ނެގުންފަދަ ކަންކަމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށާއި، މި ބިލު ހުށަހެޅުނު މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށެވެ. އަދި ބިލުން ކައުންސިލްތަކުގެ ބާރު ނުކެނޑޭނެކަމަށާއި، މި ބިލުގެ ސަބަބުން އަަލަށް ހޮވޭ ކައުންސިލްތަކުގެ މަސައްކަތްތަކަށް ފަހިވެގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޔަގީންކަން ބޮޑުކޮށްދޭ ހެޔޮ ބަދަލުތަކެއް
ޖުމްލަ ގޮތެއްގައި، ކައުންސިލްތަކުގެ ދައުރުގެ ފަހު އަހަރު ބޮޑެތި ނިންމުންތައް ނިންމުމުގައި ވަކި އުސޫލުތަކެއް ގެންގުޅުމަކީ ހެޔޮ ބަދަލެކެވެ. އެހެނީ، އެކަމުގެ ސަބަބުން އިޞްލާޙުގެ ފައިދާތައް ކޮރަޕްޝަނުން ސަލާމަތްތެރިކަން ލިބުމަށް މަގުފަހިވުމާއި، ވަސީލަތްތަކުގެ ނަހަމަ ބޭނުންކުރުން ހުއްޓުވުމާއި، އިންތިޚާބީ ބޭނުންތަކަށް ވަސީލަތްތައް ބޭނުންކުރުން ހުއްޓުވުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުން ކަށަވަރުކުރުމާއި، ކައުންސިލްތަކުގެ ޖަވާބުދާރީވުން އިތުރުކުރުމާއި އަދި އަލަށް ހޮވޭ ކައުންސިލަރުންނަށް މަސައްކަތުގެ ފަހި މާހައުލެއް ލިބި، މަސައްކަތަށް ފަހިވެގެން ދާނެއެވެ.