ޣަނީ އުއްތަމަފަނޑިޔާރަކަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

5 އޯގަސްޓު 2025 - 08:20

ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުއްތަމަފަނޑިޔާރުގެ މަގާމަށް ޣަނީ ޢައްޔަނުކުރަން ފެނޭތޯ ނެގި ވޯޓުގައި ޣަނީ އެ މަގާމަށް ޢައްޔަނުކުރަން ފާސްވީ 62 ވޯޓުންނެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން 21 ޖުލައި 2025 ގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އުއްތަމަފަނޑިޔާރުކަމަށް ޢައްޔަނުކުރަން ފެންނަކަމަށް ޖޭއެސްސީގެ މެމްބަރުންގެ "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތް އުމުރުން 57 އަހަރުގެ ޣަނީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީއިން އެލްއެލްބީ (ހޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރޫޑެންސް ފުރިހަމަކުރަށްވާފައިވާ ބޭފުޅެކެވެ. އަދި ޣަނީ ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއިން މާސްޓަރސް އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ސަނަދު ވެސް ހާސިލް ކުރަށްވާފައެވެ. މިހާރު އިސްލާމިކް ޔުނިވާސިޓީއިން ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސް އެންޑް ލެޖިސްޓިވް ޕޮލިސީ (ޕީއެޗްޑީ) ފުރިހަމަކުރަށްވަމުން ގެންދަވާ ޣަނީ ވަނީ ރާއްޖޭގެ އައިޔޫއެމް އިން ޕޯސްޓް ގްރެޖުއޭޓް އިން ޓީޗިން އާއި މިސްރުގެ ގަލްފް ނައިލު ދަ އިންޓަރނޭޝަނަލް ޓްރެއިނިން ސެންޓަރުން ޑިޕްލޮމާ އިން ކޮމްޕިއުޓިން ފަދަ އެތައް ސަނަދެއް ހާސިލް ކުރަށްވާފައެވެ.
ޣަނީގެ ތަޖުރިބާއަށް ބަލާއިރު، މިވަގުތު ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. ޣަނީ ވަނީ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ހައިކޯޓުގެ ފަނޑިޔާރުކަމާއި، ހައި ކޯޓުގެ ދެކުނު ގޮފީގެ ޗީފް ޖަޖުކަމާއި، ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުކަމާއި، ތިން ފަހަރެއްގެ މަތީން ޖޭއެސްސީގެ މެމްބަރުކަމާއި އަދި ސިވިލް ކޯޓުގެ ޣާޒީކަން ވެސް ކުރަށްވާފަވެއެވެ.
ޣަނީ ގެންދަވަނީ ދަރިވަރުންތަކެއް ޤާނޫނާއި ޝަރީޢަތުގެ ދާއިރާއިން ތަމްރީންކޮށް އުނގަންވައިދެއްވަމުންނެވެ. ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޝަރީޢާ އެންޑް ލޯ ފެކަލްޓީގެ ސީނިއާ ލެކްޗަރަ އެއްގެ އިތުރުން 2021 ވަނަ އަހަރުން ފެށިގެން ވިލާކޮލެޖުގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި އާއި 2023 ވަނަ އަހަރުން ފެށިގެން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ޕާޓް ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި ޣަނީ ގެންދަވަނީ މީހުން ބިނާކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުންނެވެ.
ޣަނީގެ ޚިދުމަތުގެ ދިގު ތާރީޚްގައި ވަނީ ދާއިރާ އާއި ގުޅުން ހުރި ގިނަ ތަމްރީންތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ފުރިހަމަކުރަށްވާފައެވެ. މިގޮތުން ރާއްޖޭގެ އިތުރުން ސިންގަޕޫރާއި، ކުވައިތާއި، އިންޑިއާއާއި، ސްރީލަންކާއާއި، ޕާކިސްތާނާއި، އިނގިރޭސިވިލާތާއި އަދި ހޮންކޮންގް ފަދަ ޤައުމުތަކުން ޣަނީ ވަނީ ގިނަ ސެމިނަރ،ވޯކްޝޮޕް، ޓްރެއިނިންތައް ފުރިހަމަ ކުރަށްވާފައެވެ.
2008 ވަނަ އަހަރުން ފެށިގެން ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮންނަ ޣަނީ އަކީ ރާއްޖޭގައި ހުކުރުކުރުމުގެ ހުއްދަ ވެސް އޮންނަ ބޭފުޅެކެވެ.