ހިތަދޫ އުތުރު ގޮނޑީގެ ޕީއެންސީ ޓިކެޓަށް ސިނާން ވާދަކުރައްވަނީ
15 އޭޕްރީލު 2026 - 03:12

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް، ދާދި ފަހުން އެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން އަންގާރަ ދުވަހުގެ ރޭ އިއުލާން ކުރައްވައިފިއެވެ.
ސިނާން މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެއީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއްގެ މައްސަލައިގައި ކުރި ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާތީ، މަޖިލިސް މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތެއް އުނިވެފައިވާ ކަމަށް ކަނޑައެޅުމަށްފަހުއެވެ.
އެ މައްސަލައަކީ ޣާލިބް ސަލީމް ނަމަކަށް ކިޔާ މީހަކު ހުށަހެޅި މައްސަލައެކެވެ. ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ދައްކާފައި ނުވާކަން ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާންކޮށްފައެވެ. އެއާއިއެކު، ސަރުކާރު ހިންގާ ޕީއެންސީން ވެސް ވަނީ އެ ދާއިރާގެ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
"މި އިންތިޚާބުގައި އަޅުގަނޑަށް ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ ލޮބުވެތި ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިޚްލާސްތެރި އެއްބާރުލުމަށް އަޅުގަނޑު ނުހަނު ބޮޑަށް އެދި ދަންނަވަން" ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން ސިނާން ވިދާޅުވެފަވެއެވެ.


