މަޖިލީހުގެ ތެރެއިން ރައީސްގެ އިތުބާރުނެތްކަމަށް ވޯޓުނަގަން ފުރުސަތެއް ނުދޭނަން: އަބުދުއްރަޙީމް
23 މޭ 2026 - 20:17

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގައި މިރޭ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުގެ ކެމްޕޭން އިފްތިތާޙްކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދީފައި ވަނީ ރައީސް މުއިއްޒުގެ ވެރިކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރަން ފަހިކޮށްދޭން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް ބުނެ ވާހަކަ ދެއްކިޔަސް، އެކަމަށް މަޖިލީހުގެ ތެރެއިން ޖާގަ ނުދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަށް ނުނެންގެވޭނެއޭ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެއިތުރުން، ހިތަދޫ އުތުރުގެ ގޮނޑި ޙައްޤުވަނީ ޕީއެންސީއަށް ކަމަށް ވިދާޅުވަމުން އަބްދުއްރަހީމް ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އައްޑޫ ރައްޔިތުންގެ މުހިއްމު ލިޔެކިޔުންތަކުގައި ހުޅުޖެހި ބައެއްގެ ކެންޑިޑޭޓެއް އައްޑޫ ރައްޔިތުން ބޭނުންނުވާނެ ކަމަށާއި، އެމްޑީޕީއަކީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ބައެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ތަރައްޤީއާއި ކުރިއެރުން ގެނެސްދޭނީ ރައީސް މުޢިއްޒުގެ ސަރުކާރުން ކަމަށް ފާހަގަކުރައްވައި، އަބްދުއްރަހީމް ވަނީ މި ދާއިރާގެ ގޮނޑި މީގެކުރިން ފުރުއްވި މުޙައްމަދު ސިނާން (ސިނާ) ގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ބައި އިލެކްޝަން ސިނާއާ އެކު ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށް ވިދާޅުވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހު އެވެ.


