ވަކި ޕާޓީއަކުން ހުށަހެޅި ބިލަކަށް ވާތީ ބޭރުކުރީ 19 ވަނަ މަޖިލީހުގައި؛ މިދައުރުގައި އެކަން ނުފެންނާނެ
14 އޭޕްރީލު 2026 - 06:07

ވަކި ޕާޓީއަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކަށް ވާތީ އެއަށް ބަހުސް ކުރުމެއްވެސް ނެތި، މަޖިލީހުގެ ތަޅުމުން ބިލު ބޭރުކޮށް އުޅުނީ 19 ވަނަ މަޖިލީހުގައި ކަމަށާއި، މަޖިލީހުގެ މިދައުރުން އެކަން ނުފެންނާނެ ކަމަށް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު، މުޙައްމަދު މުޞްޠަފާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، މައިމުޅަވާ ދަރީންނަށް ބިން ދިނުމުގެ އިސްލާހު މަޖިލީހުން ބޭރުކޮށްލުމާ ގުޅޭގޮތުން މެންދުރު ޓީވީން ގެނެސްދޭ "މައުޟޫ" ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުޞްޠަފާ ވަނީ، މަޖިލީހުގެ 19 ވަނަ ދައުރުގައި އޭރުގެ އިދިކޮޅު ޕާޓީން ހުށަހެޅި އެއްވެސް ބިލެއް ބަލައިގެންފައި ނުވާކަން ފާހަގަކުރައްވާ، މި ދައުރުގައި އެކަން ތަކުރާރު ނުވާކަމަށް ވިދާޅުވެފައެވެ.

Ad by Hajj Corporation
މިކަމުގެ ހެކި ދައްކަވަމުން މުޞްޠަފާ ވަނީ މަޖިލީހުގެ މިދިޔަ ދައުރަށް، އޭރުގެ އިދިކޮޅު މެންބަރު ޠާރިޤު ހުށަހެޅުއްވި ޖުޑިޝަރީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ބިލުގެ ވާހަކަ ފާހަގަކުރައްވާފައެވެ. މިއީ އެމްޑީޕީގެ ސިޔާސަތަކާ އެއްގޮތަށް ފަރުމާކޮށްގެން ހުށަހެޅުނު ބިލެއް ނަމަވެސް، ބިލު ހުށަހެޅީ އިދިކޮޅުން ކަމަށްވާތީ، ދެފަހަރަށް ނުވަތަ ތިން ފަހަރަށް ހުށަހެޅުމުންވެސް ބިލު ބޭރުކޮށްލިކަން މުޞްޠަފާ ފާހަގަކުރެއްވިއެވެ. މިއާ ޚިލާފަށް، މިދައުރުގައި އިދިކޮޅުން ހުށަހެޅި އެތައް ބިލެއް ބަލައިގަނެ، ކޮމިޓީ މަރުހަލާގައި އޮތްކަން މުޞްޠަފާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މައިމުޅަވާ ދަރީންނަށް ބިން ދިނުމުގެ ބިލު ބޭރުކޮށްލީ އިދިކޮޅުން ހުށަހެޅި ބިލަކަށްވާތީ ކަމަށް ދައްކާ ވާހަކަތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫންކަމަށް މުޞްޠަފާ ވިދާޅުވިއެވެ.
މުޞްޠަފާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބިލެއް ހުށަހެޅިގެން އަންނަން ވާނީ އެތައް ކަމަކަށް ރިއާޔަތް ކުރެވި، އެތައް ކަމަކަށް ތަބާވެގެންނެވެ. އެގޮތުން ވަކީން ހާއްސަކޮށް ތަރިކަ ބެހުމުގައި ހުންނަ އިސްލާމީ އުސޫލުތަކަށް ރިއާޔަތްކުރެވި، އެމަގުން ނޫނީ މިފަދަ ބިލެއްގެ މަސައްކަތް ކުރިއަށް ގޮސްގެން ނުވާނެކަން މުޞްޠަފާ ފާހަގަކުރެއްވިއެވެ.
މައިމުޅަ ދަރީންނަށް ބިމާއި ފްލެޓު ދޫކުރުމުގެ ވާހަކަ އެންމެ ފުރަތަމަވެސް ދެއްކީ މިސަރުކާރުންކަން ފާހަގަކުރައްވާ، މުޞްޠަފާ ވަނީ މިދިޔަ ސަރުކާރުގައި ހިތުހުރި ގޮތަކަށް ފްލެޓުތަކާއި ބިންތައް ބަހާލިއިރު، މައިމުޅަ ދަރީންގެ ވާހަކަވެސް ދައްކާފައި ނުވަނީ ރައްޔިތުންނަށް ފަސޭހައެއް ވެދާނެތިންތޯ ސުވާލު އުފައްދަވާފައެވެ.
މިސަރުކާރުގެ ހައުސިންގ ސްކީމްތަކުގެ ދަށުން މައިމުޅަވެފައިވާ ފަރާތްތަކަށް ބިމާއި ފްލެޓު ދޫކުރުމަށް ވަކި ކެޓަގަރީއެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ، މި ކެޓަގަރީއަށް އެފަރާތްތަކަށް އެޕްލައިކުރެވޭނެ ކަމަށާއި، އެފަރާތްތަކަށް ބިމާއި ފްލެޓު ލިބިގެންވެސް ދާނެކަމަށް މުޞްޠަފާ ވިދާޅުވިއެވެ.
ބިމުގެ މައްސަލަ އެންމެ ބޮޑީ މާލޭގައި ކަން ފާހަގަކުރައްވާ، މިހާރު ހުރި ބިންތައް ބަހަމުންގޮސް 4×4 ފޫޓުގެ ބިންކޮޅަކަށް މައިމުޅަ ދަރީންވެސް އެކުވެގެންދިއުމަކީ އިސްލާމީ ހަމައެއް ނޫންކަމަށް މުޞްޠަފާ ވިދާޅުވިއެވެ.
އެހެންކަމުން، ކަމަކަށް ކަމެއް ކުރުމަށްޓަކައި، ނުވަތަ ރައްޔިތުންނަށް ދަޅަތަކެއް ދެއްކުމަށްޓަކައި އެންމެ މާއްދާއެއްގެ ދެ ލައިނެއް ބަދަލުކޮށްލުމަށް ބިލެއް ހުށަހެޅުމުގެ ބޭނުމެއް ނެތްކަމަށް މުޞްޠަފާ ވިދާޅުވިއެވެ. އަދި، ސަރުކާރުން މިހާރު ދަނީ މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް، މިއަށްވުރެ ފުރިހަމަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް މުޞްޠަފާ ވިދާޅުވިއެވެ.

.gif&w=1920&q=75)
