ހާފިޒުންގެ އެލަވަންސް 4,000 ރުފިޔާއަށް ބޮޑު ކޮށްފި
4 އޯގަސްޓު 2025 - 04:22

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތައް ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ހާފިޒުންގެ އެލަވަންސް ބޮޑުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ސަރުކާރުން ދެމުން ދިޔަ 2،000 ރުފިޔާގެ އެލަވަންސް ވަނީ 4،000 ރުފިޔާއަށް ބަދަލުކޮށްފައި ކަަމަށާއި، ހާފިޒުންނަށް ބޮޑުކުރި އެލަވަންސް މިހާރު ޖަމާކޮށްދީފައިވާ ކަމަށެވެ.
ހާފިޒުންގެ އެލަވަންސް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އެ ގޮތުން އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް ދެގުނަކުރަން ވަޒީރުންގެ މަޖިލީހުން ނިންމެވީ މިދިޔަ ޖޫން މަހުގައެވެ.
ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް އެ ކަމަށް ހާއްސަ ހޭދައެއްކުރުން ކަމަށް ރައީސް ޑރ. މުއިއްޒުވަނީ ވިދާޅުވެފައެވެ.
ހާފިޒުން ތަމްރީނު ކުރުމާއި ހާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ކީރިތި ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ނުހަނު މުހިއްމު ކަމެއްކަމަށް އެ މަނިކުފާނުވަނީ ފާހަގަ ކުރައްވާފައެވެ.