ފެހެންދޫގައި ޓީޗަރުން ތިބެގެން، ތައުލީމު ދިނުމުގެ ވައުދު ފުއްދައިދޭނަން: ރައީސް
12 އޯގަސްޓު 2025 - 12:56

ބ. ފެހެންދޫގައި ގާއިމުވެ ތިބެގެން ކިޔަވާއިދޭނެ ޓީޗަރުން ހަމަޖައްސާއި ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ މިހާރު ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެހެންދޫއަށް ވަޑައިގެންނެވެ.

ރައީސް ވިދާޅުވީ ފެހެންދޫގައި ތައުލީމީ ދާއިރާކުރި ކުރިއެރުވުމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި ސަރުކާރުގެ ސިޔާސަތަކީ ފެހެންދޫގެ ރައްޔިތުންނާއި ސްކޫލަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އެންމެ އިސްކަމެއް ދީގެން ކުރުން ކަމަށެވެ. އެހެންކަމުން ގްރޭޑް ހަޔަކުން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭން އެރަށުގައި ގާއިމުވެ ހުންނާނެ ޓީޗަރުން ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ފެހެންދޫގައި ގާއިމުވެތިބެ ކިޔަވާދޭނެ ޓީޗަރުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، އެރަށުގައި ތިބެގެން ޓީޗަރުންގެ ތަމްރީން ފުރިހަމަ ކުރަން ބޭނުން ވެއްޖެނަމަ ތަމްރީންގެ ފުރުސަތުވެސް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.
އިރާދަކުރެއްވިޔާ އަޅުގަނޑުމެން އެންމެ މިކަމުގައި މަސައްކަތެއް ކުރެވި މި ވައުދު ފުއްދިގެންދާނެ" ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ދޭނަން - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ފެހެންދޫގައި ޓީޗަރުން ގާއިމުވެ ތިބެގެން ކިޔަވައިދިނުމަކީ ރައީސްގެ ވައުދުފުޅެކެވެ. މީގެ އިތުރުން އެރަށުގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނުފެށި ލަސްވަނީ އެ މަސައްކަތަށް ބޭނުންވާ މީހުން ނުލިބުމުގެ ސަބަބުން ކަމަށާއި ބޭރު މީހުން ގެނެސްގެންވިޔަސް އެ މަސައްކަތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. އަދި އެރަށުގައި ސިއްހީ މަރުކަޒެއް އަޅައިދޭނެ ބަޔަކު ހޯދުމަށް މިހާރު އިއުލާންކޮށްފައިވާކަން ރައީސް ވަނީ ފާހަަގަ ކުރައްވާފައެވެ.
ރައީސް ވަނީ ފެހެންދޫގައި ފުޓްބޯޅަ ދަނޑެއް އަޅައިދީ އެރަށުގައި އޮތް ފުޓްސަލް ދަނޑުގެ ޕިޗު އާކޮށްދީ، ވޮލީ ކޯޓަކާއި ފިޓްނަސް އެންޑް ރީކްރިއޭޝަން ސެންޓަރެއް އަޅައިދޭން ވެވަޑައިގެންނެވި ވައުދުވެސް ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މި މަޝްރޫއުތައް މިއަހަރުތެރޭ ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.