ފުޅަދޫ ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް އިންނަފުށި ދެނީ

13 އޯގަސްޓު 2025 - 04:02

ބ. ފުޅަދޫ ރައްޔިތުންނަށް ފަތުރުވެރިކަމުން އާމްދަނީ ހޯދައިދިނުމަށް އެރަށު ކައުންސިލާ އެ އަތޮޅު އިންނަފުށި ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އަންގާރަ ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހު ފުޅަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުޢިއްޒު ވިދާޅުވީ، ރަށުގެ ތަރައްޤީގައި މިވަގުތު އެންމެ ބޮޑު ޙިއްޞާއެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ކަމަށެވެ.

އެގޮތުން، ބ. އިންނަފުށި ބެލެހެއްޓުން ހަރުދަނާކޮށް، ފުޅަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓާ ދެމެދު، ރަނގަޅު ފެންވަރުގެ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނާ އެއްގޮތަށް އިންނަފުށި ހަވާލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އަސާސީ ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަޝްރޫޢުތަކެއް
ފުޅަދޫގެ އަސާސީ ޚިދުމަތްތައް ފުޅާކުރެއްވުމަށް ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ. މި އޯގަސްޓް މަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށި، އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއް އަދި އައު މިސްކިތެއް ޢިމާރާތްކުރުން ހިމެނެއެވެ. އަދި ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ލެބޯޓްރީގެ ޚިދުމަތް މި އަހަރު ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ ބ. ފުޅަދޫގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވައި، އެކަމުގެ ނަފާ ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.