ރައްޔިތުން ބާރުވެރިކުރުވުމަށް ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙު ރައީސް ތަސްދީޤުކުރައްވައިފި
14 އޯގަސްޓު 2025 - 19:21

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީޤުކުރައްވައިފިއެވެ.
ލާމަޒުކަޒީ ޤާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ 6 އޯގަސްޓު 2025 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކޮށްފައިވާ ބިލެކެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ މައިގަނޑު ބޭނުމަކީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ޙަރަކާތްތައް ހިންގުމުގެ ދާއިރާ ޤާނޫނުގައި ކަނޑައެޅުމަށާއި، ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމަށާއި، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުމެވެ.
އެ ބިލުގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތުގައި ވަކި ޝަރުޠުތަކެއް ފުރިހަމަވާންޖެހޭނެ ކަމުގައި ބަޔާންކޮށް، ޤާނޫނާ ތަޢާރުޟުވާނަމަ، އެ އިސްލާޙަށް ޢަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އެފަދަ ވިޔަފާރީގެ ޙަރަކާތްތައް ހުއްޓާލަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ ޢިމާރާތްތަކުން، ކައުންސިލްތަކަށް ކުއްޔެއް ނުނެގޭނެކަމަށް ބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ.
އަދި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައްބަޔާންކޮށް މާއްދާއެއް އިތުރުކޮށްފައިވެއެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމާ ދެމެދު އޮތީ 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، ކައުންސިލްތަކުގެ އިޙްތިޞާޞްގައި ހިމެނޭ ބިމާއި، ފަޅާއި، ފަރު ސަރަޙައްދު ކުއްޔަށްދިނުމާއި، ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްޤީގެ މަޝްރޫޢުތައް ފެށޭނީ، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ބުރާސްފަތި ދުވަހު ޝާއިޢުކުރެއްވުމާއެކު، އެ އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
އެ ބިލުގައިވާ އިޞްލާޙްތަކަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް، ގެންނަންޖެހޭ އިޞްލާޙުތަކެއް ކަމަށާ، އެއީ އެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި ގެންނެވި އިޞްލާޙްތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ ކައުންސިލުތަކުން އާއްމު ފަރުދުންގެ ވިޔަފާރީގެ ތެރެއަށް ވަންނަ މަންޒަރު ފެންނަކަމަށާއި ކައުންސިލް ކުންފުނިތަކުން ކުދި ވިޔަފާރިކުރުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާކަމަށެވެ. އަދި ބިލުގައި ކައުންސިލްތަކަށް ވިޔަފާރިކުރުމަށް ހުރަހެއް ނެތްކަމަށް ވިދާޅުވެ 10 މިލިއަނަށްވުރެ ބޮޑުވާނަމަ ކޮންމެ ދާއިރާއަކުންވެސް ވިޔަފާރިކޮށްގެން ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމުގެ ފުރުސަތު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިސްލާހުގެ އެއް ބޭނުމަކީ ރަށްރަށުގައި އާއްމު ފަރުދުން ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށްދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޤާނޫނަށް ގެނައި އިސްލާހުގައި އޮތީ ޗެކް އެންޑް ބެލެންސްގެ އުސޫލުތައް ހަރުދަނާކޮށް، އާއްމުންގެ ވިޔަފާރި ހިމާޔަތް ކުރުން ކަމަށާއި ބޭނުމަކީ ލާމަރުކަޒީ ޤާނޫނު ތަރައްޤީ ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްދެނީ ވަރަށް ސީރިއަސް ވިސްނުމެއްގައި ކަމަށާއި، ލާމަޒުކަޒީ ޤާނޫނަށް ގެނައި އިސްލާހާއެކު ރައްޔިތުން އިތުރަށް ބާރުވެރިވެގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.