މޯލްޑިވްސް ފަސްޓް: ޚާރިޖީ ގުޅުންތައް އިޔާދަކޮށް ޤައުމުގެ ސިޔާދަތުގެ ދިފާޢު ކަށަވަރުކޮށްދިން ތިން އަހަރު
22 ނޮވެމްބަރު 2026 - 14:55

ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ނާޒުކުކަމާއި، ބައިނަލްއަޤްވާމީ ވިޔަފާރި މަގުތަކުގެ މެދުގައި ރާއްޖެ އޮންނަ މުހިންމު ސަރަޙައްދީ މަޤާމުގެ ސަބަބުން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަކީ އަބަދުވެސް ދިވެހި ދައުލަތުގެ އެންމެ އިސް ވާޖިބެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ޚާރިޖީ އަދި ދާޚިލީ މިނިވަންކަމަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވެފައި ވަނިކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން، އެމަނިކުފާނުގެ ސަރުކާރުގެ ޚާރިޖީ މައި ސިޔާސަތުގެގޮތުގައި "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހި ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު އެންމެ އިސްކުރާ ސިޔާސަތެއް ތަޢާރަފުކުރުމަކީ ރާއްޖޭގެ ސިޔާދަތީ ބާރުތައް އިޔާދަކުރުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ. މިއީ ހަމައެކަނި ޚާރިޖީ ގުޅުންތައް ހަރުދަނާކުރުމަށް ގެންގުޅުނު އުޞޫލެއް ނޫނެވެ. އޭގެ ބަދަލުގައި، ރައީސް މުޢިއްޒުގެ މި ހިނގާ ޒަޢާމަތުގައި ޤާނޫނުއަސާސީއަށް ގެނެވުނު އިންޤިލާބީ ބަދަލުތަކާއި، ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން އިތުރުކުރުމުގެ ތެރެއިން ދިވެހި ފަސްގަނޑާއި ވަޔާއި ކަނޑުގެ ސަރަޙައްދު ދިވެހިންގެ އަމިއްލަ ބާރުގެ ދަށުގައި ދެމެހެއްޓުމަށް އެޅުނު ހަރުދަނާ ފިޔަވަޅެކެވެ.
.png&w=750&q=75)
Ad by Hajj Corporation
"މޯލްޑިވްސް ފަސްޓް": ހަމަހަމަކަމާއި ޤައުމީ މަޞްލަޙަތުގެ ޚާރިޖީ ފަލްސަފާ
ރައީސް މުޢިއްޒުގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކަށް ވެގެންދިޔައީ ދިވެހި ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތް އިސްކުރުމެވެ. މި ސިޔާސަތުގެ ދަށުން އަވަށްޓެރި ޤައުމުތަކާއި އަދި ޚާއްޞަކޮށް ޒަމާންވީ އިސްލާމީ އުޚުއްވަތްތެރި ޤައުމުތަކާއެކު އޮތް ގުޅުންތައް އައު ހަކަތައަކާއެކު ބަދަހިކުރެވުނެވެ. ވަކި ފަރާތަކަށް ބުރަނުވެ، ރާއްޖޭގެ ތަރައްޤީއަށާއި މަޞްލަޙަތަށް ފައިދާހުރި ކޮންމެ ކަމެއްގައި ހުރިހާ ޤައުމަކާއެކުވެސް ހަމަހަމަ ގުޅުމެއް ބޭއްވުމުގެ ދޮރު ވަނީ ހުޅުވާލާފައެވެ. ނަމަވެސް، މި ސިޔާސަތުގެ ތެރެއިންވެސް ދިވެހިރާއްޖޭގެ ދީނީ އަދި އިންސާނިއްޔަތުކަމުގެ ޢަޤީދާއަށް ބުރޫއަރާނެ އެއްވެސް ޖާގައެއް ނުދެއެވެ. އެގޮތުން، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން، އިޒްރޭލާއެކު އެއްވެސް ސިޔާސީ ނުވަތަ އިޤްތިޞާދީ ގުޅުމެއް ނުބޭއްވުމަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާކުރުމަށް ޤާނޫނުތަކަށް ބަދަލު ގެނައުމަކީ ރާއްޖޭގެ އަޚްލާޤީ އަދި ޚާރިޖީ އިސްތިޤްލާލު ސާބިތުކޮށްދިން މުހިންމު ނިންމުމެކެވެ.
ސަރަޙައްދީ މިނިވަންކަމުގެ ޤާނޫނީ އައްޑަނަ ވަރުގަދަކުރުން
ޤައުމެއްގެ ސިޔާދަތާއި ސަރަޙައްދީ މިނިވަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރެވެނީ އެ ޤައުމެއްގެ އެންމެ މަތީ ޤާނޫނުގެ ތެރެއިންނެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުތަކަކީ ޤައުމުގެ އެއްވެސް ބިމެއް ނުވަތަ ކަނޑުގެ ސަރަޙައްދެއް ސިޔާސީ ބޭނުމަކަށް ދޫކޮށްނުލެވޭނެކަން ކަށަވަރުކޮށްދިން ޤާނޫނީ އައްޑަނައެކެވެ. ކުރިން ޤާނޫނުއަސާސީގެ 3 ވަނަ މާއްދާ އޮތްގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނެވޭ ގޮތަށް އޮތް އޮތުން، ހަތަރުބައިކުޅަ ތިންބައިގެ ބޮޑު އަޣްލަބިއްޔަތަކަށް ވަނީ ބަދަލުކޮށްފައެވެ. މީގެއިތުރުން، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާ އިޞްލާޙުކޮށް، މަޖިލީހުން ފާސްކުރި ކަމުގައި ވިޔަސް، ދިވެހި ރައްޔިތުންގެ ސީދާ ފެންނަ ނުފެންނަ ވޯޓަކުން ރުހުން ލިބިގެން މެނުވީ ރާއްޖޭގެ އެއްވެސް ސަރަޙައްދަކަށް އުނިއިތުރެއް ނުގެނެވޭނެ ގޮތް ހަމަޖެއްސުމަކީ ޤައުމުގެ މިލްކުވެރިކަން ރައްޔިތުންގެ އަތްމަތީގައި ދެމެހެއްޓުމަށް އެޅުނު ޒަމާންވީ ހަރުދަނާ ފިޔަވަޅެކެވެ.
ހަމައެއާއެކު، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއަށް (ށ) އިތުރުކޮށް، ދިވެހިރާއްޖޭގެ ސަރަޙައްދީ އިން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އީ.ޒެޑް) އާ ހަމައަށް ފުޅާކޮށް، އެއީ ރާއްޖޭގެ ސަރަޙައްދު ކަމުގައި ޞަރީޙަކޮށް ކަނޑައެޅުނެވެ. މިއީ ޤައުމުގެ ޤުދުރަތީ ވަސީލަތްތަކާއި މަސްކަނޑުތަކުގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު ފުރިހަމައަށް ހިނގާނެކަން ކަށަވަރުކޮށްދިން ކަމެކެވެ. އަދި ވޭތުވެދިޔަ ދުވަސްވަރު ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިގެން ދިޔުމަށް މަގުފަހިވާ ގޮތަށް ފޮނުވާފައިވާ ސިޓީ އަނބުރާ ގެނެސް، ރާއްޖޭގެ ޙައްޤު ސަރަޙައްދު އަލުން އިޢުލާނުކުރުމާއި، މި ކަންކަން ދާއިމީކޮށް ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޚާއްޞަ އޮފީހެއް ޤާއިމުކުރުމަކީ ޤައުމީ މަޞްލަޙަތު ދިފާޢުކުރުމުގައި ފަސްޖެހުމެއް ނެތްކަން ހާމަވާ ހެއްކެކެވެ.
ބޭރުގެ އަސްކަރީ ނުފޫޒުން އެއްކިބާވުމާއި ސަލާމަތީ ބާރުތަކުގެ ޤާބިލުކަން
ޤައުމެއްގެ ސިޔާދަތު ފުރިހަމަވަނީ އެ ޤައުމެއްގެ ބިމުގައި އެހެން އެއްވެސް ޤައުމެއްގެ އަސްކަރީ ނުފޫޒެއް ނެތި، އަމިއްލަ ސަލާމަތީ ބާރުތަކުން ޤައުމު ބެލެހެއްޓުމުގެ ކުޅަދާނަކަން ލިބިގެންނެވެ. މިގޮތުން، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙަކީ މި ދާއިރާއިން އެޅުނު އެންމެ ހަރުދަނާ ފިޔަވަޅެވެ. ކުރިން ރާއްޖޭގައި އަސްކަރީ މަރުކަޒެއް ހެދުމަށް މަޖިލީހުގެ ރުހުން ބޭނުންވި ނަމަވެސް، ގެނެވުނު އިޞްލާޙާއެކު، ބޭރުގެ އެންމެ ސިފައިންގެ މީހަކަށްވެސް ރާއްޖޭގެ ސަރަޙައްދުގައި ހަރަކާތްތެރިވެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިގެން ކަމުގައި ކަނޑައެޅުމަކީ ޤައުމުގެ އެތެރޭގެ އަމަންއަމާންކަމުގެ މައްޗަށް ބޭރުގެ ނުފޫޒު ފޯރުވުމުގެ ދޮރުތައް އެއްކޮށް ބަންދުކޮށްލި ކަމެކެވެ.
ނަމަވެސް، ހަމައެކަނި ޤާނޫނަކުން ސަރަޙައްދެއް ނުބެލެހެއްޓޭނެއެވެ؛ އެކަމަށް ޢަމަލީ ޤާބިލުކަން ބޭނުންވެއެވެ. އެހެންކަމުން، ރާއްޖޭގެ ބިޔަ ކަނޑުގެ ސަރަޙައްދު 24 ގަޑިއިރު މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުގެ ޤާބިލުކަން ވަނީ އެތައް ގުނައަކަށް އިތުރުކޮށްފައެވެ. ޚާއްޞަކޮށް، ޒަމާނީ އަސްކަރީ ޔޫ.އޭ.ވީ (ޑްރޯން) މެދުވެރިކޮށް ރާއްޖޭގެ ވައިގެ ސަރަޙައްދާއި ކަނޑުގެ ސަރަޙައްދު އަމިއްލަ ބާރުގައި ބެލެހެއްޓުމުގެ ތާރީޚީ ޚިދުމަތް ފެށުމަކީ، އެހެން ޤައުމުތަކުގެ އެހީތެރިކަމަށް ބަރޯސާނުވެ ދިވެހިންގެ ސަލާމަތް ދިވެހިން އަމިއްލައަށް ކަށަވަރުކުރުމަށް އެޅުނު އިންޤިލާބީ ފިޔަވަޅެކެވެ.
ގޮންޖެހުންތަކާއި ސިޔާސީ ފާޑުކިޔުންތައް
ޤައުމީ މިފަދަ ބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެނައުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދާޚިލީ އަދި ޚާރިޖީ ގޮތުން އެކި ގޮންޖެހުންތަކާއި، ޚާއްޞަކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް މި ކަންކަމަށް އަމާޒުވެފައިވެއެވެ. ޤާނޫނުއަސާސީއަށް ގެނެވުނު މި ބޮޑެތި ބަދަލުތަކާއި، ސަރަޙައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު ފިޔަވަޅުތަކުގެ ޙަޤީޤަތް އޮޅުވާލައި، އެއީ ސިޔާސީ މަންފާއަކަށް ކުރެވުނު ކަންކަން ކަމުގައި ދެއްކުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، ކަނޑުގެ ސަރަޙައްދުގެ ޙައްޤުތައް ހޯދުމަށް ފެށުނު މަސައްކަތްތަކާއި، ޤާނޫނުއަސާސީން ރައްޔިތުންނަށް ދިން ޙިމާޔަތަކީ އެއްވެސް ސިޔާސީ ވިސްނުމަކަށްވުރެ ޤައުމުގެ ދިގު މުއްދަތުގެ ސަލާމަތާ ގުޅިފައިވާ ކަންކަމެވެ. މިއިން ކޮންމެ ނިންމުމެއްގެ އަޞްލަކީ، ވަގުތީ ސިޔާސީ ފައިދާއަށްވުރެ ދައުލަތުގެ ދެމިއޮތުމާއި ސިޔާދަތީ ޝަރަފު އިސްކުރުމެވެ.
ޚާރިޖީ ސިޔާސަތު އަލުން ބައްޓަންކޮށް، ދައުލަތުގެ ސިޔާދަތު ކަށަވަރުކޮށްދިން 3 އަހަރު
ފާއިތުވި ތިން އަހަރަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އަލުން ބައްޓަންކޮށް، ދިވެހި ދައުލަތުގެ ސިޔާދަތާއި މިނިވަންކަން ބައިނަލްއަޤްވާމީ މައިދާނުގައި ކަށަވަރުކޮށްދިން މުހިންމު ދުވަސްތަކެކެވެ. "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން އެޅުނު ޚާރިޖީ ފިޔަވަޅުތަކާއި، ޤާނޫނުއަސާސީއަށް ގެނެވުނު ހަރުދަނާ އިޞްލާޙުތަކުގެ އިތުރުން، ޤައުމީ ދިފާޢީ ބާރު ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރުމަކީ އަންނާން އޮތް ޖީލުތަކަށްޓަކައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދާއިމަށް ރައްކާތެރިކޮށްދިނުމަށް އެޅުނު ހަރުދަނާ ބިންގަލެކެވެ.

-01.jpg&w=3840&q=75)
