logo
MPL

MPL

ޚަބަރު

ރޮހިންޖާ މުސްލިމުންނަށް ހައްގު ހޯދައިދޭން ރާއްޖެއިން ކުރި ވަކާލާތާއެކު ކުރި ހުކުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ނޮވެމްބަރު 2026 - 19:08
ރޮހިންޖާ މުސްލިމުންނަށް ހައްގު ހޯދައިދޭން ރާއްޖެއިން ކުރި ވަކާލާތާއެކު ކުރި ހުކުމަށް ރާއްޖޭގެ މަރުހަބާ

މިޔަންމާގެ އުތުރު ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ޤަތުލުޢާންމު (ޖެނޮސައިޑް) ހިންގުމުގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެ ކަމަށް ކަނޑައަޅައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކުރި ތާރީޚީ ޙުކުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.

މި މައްސަލައިގައި ދިވެހިރާއްޖެއިން ވަނީ ރޮހިންޖާ މުސްލިމުންގެ ޙައްޤުގައި ކޯޓަށް ތަދައްޚުލުވެ، މުހިންމު ޤާނޫނީ ވަކާލާތުތަކެއް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިސީޖޭއަށް ހުށަހެޅުނު "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައިގައި، އެ ކޯޓުން 19 ނޮވެންބަރު 2026 ގައި ކުރެއްވި މި ޙުކުމަކީ ޤަތުލުޢާންމު ހިންގުމުގެ ޒިންމާ ދައުލަތަކުން އުފުލަންޖެހޭ ކަމަށް އެ ކޯޓުން ކަނޑައެޅި ފުރަތަމަ ފަހަރެވެ. ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންޖާގެ އެތައް ހާސް އާންމުން މަރައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާ އާއި ކުޑަކުދިންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގާފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި މި ޤަތުލުޢާންމު ހުއްޓުވުމަށާއި ޒިންމާވާ ފަރާތްތަކަށް އަދަބު ދިނުމަށް މިޔަންމާ ނުކުޅެދިފައިވާ ކަމަށްވެސް ނިންމާފައިވެއެވެ.

ކޯޓުގެ އަމުރުގައި ވަނީ 2017 ވަނަ އަހަރު ހިންގި "ކްލިއަރެންސް އޮޕަރޭޝަންސް" ގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަ ތަޙްޤީޤުކޮށް، ދަޢުވާ އުފުލައި އަދަބު ދިނުމަށެވެ. މީގެ އިތުރުން މިޔަންމާގެ ޣައިރު ޤާނޫނީ ޢަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ރޮހިންޖާ މީހުންނަށް ދިނުމަށާއި، ގެދޮރު ގެއްލިފައިވާ މީހުން ރައްކާތެރިކަމާއެކު އެނބުރި ވަޒަނަށް ރުޖޫޢަވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިޢުލާންކުރި ޤައުމަކީ ދިވެހިރާއްޖެއެވެ. މި މައްސަލައިގައި ރާއްޖޭގެ އޭޖެންޓަކީ ބަންޑާރަނައިބު އަޙްމަދު އުޝާމްއެވެ. އަދި ރާއްޖެ ތަމްސީލުކުރެއްވި ވަކީލުންނަކީ ބެރިސްޓަރ އަދި ޕްރޮފެސަރ އަމާލް ކްލޫނީ އާއި، ބެރިސްޓަރ އަދި ޕްރޮފެސަރ ފިލީޕާ ވެބް ކޭސީއެވެ.

މި މައްސަލައިގައި ރާއްޖެއިން ހުށަހެޅި މުހިންމު ޤާނޫނީ ނުކުތާތަކަށް އައިސީޖޭގެ ޙުކުމުގައި ވަނީ ރިޢާޔަތްކޮށްފައެވެ. އެގޮތުން ޤަތުލުޢާންމު ހިންގައިފިކަމަށް ބެލެވޭ ހާލަތްތަކުގައި އަވަސް، ހަރުދަނާ އަދި މުސްތަޤިއްލު ތަޙްޤީޤެއް ހިންގަންޖެހޭނެ ކަމަށް ރާއްޖެއިން ވަކާލާތުކުރި ނުކުތާތަކަށް ދަ ގެމްބިއާއިން ތާއީދުކޮށްފައިވާކަން ޙުކުމުގެ 511 އަދި 516 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވެއެވެ. އަދި އިންސާފުވެރި ޝަރީޢަތެއް ހިންގުމާއި، ކުށުގެ ކުޑަބޮޑުމިނާ އެކަށޭނަ ހަރުކަށި އަދަބު ދިނުމަށް ރާއްޖެއިން ހުށަހެޅި ކަންކަމަށް ޙުކުމުގެ 518 އަދި 559 ވަނަ ޕެރެގްރާފުގައި ވަނީ ބާރުއަޅުއްވާފައެވެ.

މި ތާރީޚީ ޙުކުމާ ގުޅިގެން ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވީ:

"ދިވެހިރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވެފައިވަނީ، ޤަތުލުޢާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެފައި އޮތް އޮތުމާ ދެކޮޅުހަދައި، ޤަތުލުޢާންމުގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދީ، އެ ޢަމަލު ހިންގާ ފަރާތްތައް ޒިންމާކުރުވުމަށް މަގުފަހިކުރުމަށްޓަކައެވެ. ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައްވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަޙްޤީޤުކޮށް، ދަޢުވާކޮށް، އެފަރާތްތަކަށް އަދަބު ދޭންޖެހޭނެ ކަމަށް އައި.ސީ.ޖޭ. އިން ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ދިވެހިރާއްޖެއިން މަރުޙަބާ ކިޔަމެވެ."

ރާއްޖޭގެ ވަކީލުން ކަމަށްވާ އަމާލް ކްލޫނީ އަދި ފިލީޕާ ވެބް ކޭސީ ވިދާޅުވީ، މިއީ ރެފިއުޖީ ކޭމްޕްތަކުގައި ތިބި މީހުން ހިމެނޭހެން އަނިޔާ ލިބުނު ފަރާތްތަކުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރި ނިންމުމެއް ކަމަށެވެ. އަދި ދައުލަތްތަކުން ކުށްވެރިންނަށް ޙިމާޔަތް ނުދެވޭނެ ކަމަށާއި، ކޯޓުގެ ޙުކުމާ އެއްގޮތަށް މިޔަންމާއިން ޢަމަލުކޮށް، ޝިކާރައަކަށްވި މީހުންނަށް ޙައްޤުވާ ބަދަލު ވަގުތުން ދޭންޖެހޭނެ ކަމަށްވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޮހިންޖާ މުސްލިމުންނަށް ހައްގު ހޯދައިދޭން ރާއްޖެއިން ކުރި ވަކާލާތާއެކު ކުރި ހުކުމަށް ރާއްޖޭގެ މަރުހަބާ ޚަބަރު | 15 މިނިޓު ކުރިންމޯލްޑިވްސް ފަސްޓް: ޚާރިޖީ ގުޅުންތައް އިޔާދަކޮށް ޤައުމުގެ ސިޔާދަތުގެ ދިފާޢު ކަށަވަރުކޮށްދިން ތިން އަހަރުރިޕޯޓް | 4 ގަޑިއިރު ކުރިންނަރުހެއްގެ އަޑު އެއްސެވުމަށްފަހު ރައީސް ދެއްވީ ވަރުގަދަ ޔަގީންކަމެއްޚަބަރު | ދުވަހެއް ކުރިންރައީސްގެ ދީލަތި ހުށަހެޅުއްވުމެއް، ދޮށީ އުމުރުގެ މީހުންނަށް ވެސް ލޯނު ލިބޭގޮތް ހަދަނީޚަބަރު | ދުވަހެއް ކުރިން