ޒަކާތު ބިލު ބަލައިގަނެ ކޮމިޓީއަށް
13 އޯގަސްޓު 2025 - 13:12

ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި ކުރިއަށްގެންދިއުމަށް ހުށަހެޅުނު ޒަކާތު ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފިއެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލު ބަލައިގަނެ ބިލު ދިރާސާކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ބިލު ބަލައިގަތީ 72 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު އެވެ.
ބިލުގެ މަގުސަދެއްކަމަށް ބުނެފައިވަނީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތެއްގެމަތިން ޒަކާތުގެ ކަންކަމާގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި މި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމެވެ.
އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަގޮތުގައި ހިފޭނެ ގޮތެއްގެމަތިން، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާގުޅޭ ޢާންމު އުސޫލުތައް ކަނޑައެޅުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޖަމާކޮށް ބެލެހެއްޓުމަށާއި، އެ ފައިސާއިން އިތުރު މަންފާ ހޯދުމަށްޓަކައި ޒަކާތުގެ ފަންޑެއް އުފައްދައި، ފަންޑު ހިންގުމުގެ އުސޫލުތައް ބަޔާންކުރުންވެސް ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
ބިލުގައި ވަނީ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ހިމަނާފަ އެވެ.
ބިލުގައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހެ އެވެ. މި ގާނުނަށް އަމަލުކުރަން ބިލުގައި ހިމަނާފައިވަނީ 1 ޖަނަވަރީ 2026 އިން ފެށިގެންނެވެ.
މި ޤާނޫނުގެ ދަށުން ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޒަކާތާ ގުޅޭގޮތުން އެއިރެއްގައި ހުންނަވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރެއްގެ މަސްއޫލިއްޔަތުތައްވެސް ކަނޑައަޅާފައިވެއެވެ. ވަޒީރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާގުޅޭ ސިޔާސަތުތައް ޢާންމުކޮށް، އެ ސިޔާސަތުތަކާ ގުޅޭގޮތުން ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ޢާންމު އިރުޝާދާއި ލަފާ ދިނުން ހިމެނެއެވެ.
ޒަކާތުގެ ބިލުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބަޔާންކުރެއެވެ. މި ކައުންސިލްގައި ވަޒީރާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްއާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމުލަ 9 މެންބަރުން ތިއްބަވާނެއެވެ.
ހަމައެއާއެކު އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދެނޭއެވެ. މި އިދާރާ ހިނގަމުންދާނީ ވުޒާރާގެ ދަށުންނެވެ. ޒަކާތުގެ ބިލުގައި ޒަކާތު ހައުސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅާފައިވެއެވެ. އެ ގޮތުން ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާގުލޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކަލަވާލައި އަދާހަމަކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމަކީވެސް ޒަކާތު ހައުސްގެ މަސްއޫލިއްޔަތެކެވެ.
މީގެ އިތުރުން އައު ޤާނޫނާއެކު ޒަކާތާބެހޭ ޝަރުޢީ އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފެދޭނެއެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި ޝަރީޢާ އެޑްވައިޒަރ ކޮމިޓީއެއް ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ޒަކާތުގެ ބިލުގައި ފިޠުރު ޒަކާތާއި މުދަލު ޒަކާތް ދެއްކުން ލާޒިމުވުމުގެ ޝަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާންކުރާ ގޮތުގެ މަތިން ޒަކާތް ދައްކަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޒަކާތުގެ ނިސާބު ކަނޑައަޅަންޖެހޭ ގޮތްތަކާއި ޒަކާތް ދައްކާ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒަކާތް ލިބޭ މީހުންނަކީ ކޮބައިކަންވެސް ބިލުގައި ކަނޑައަޅާފައިވެއެވެ.