ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައީ ރައްޔިތުން ބާރުވެރިކުރުވަން: ރައީސް
13 އޯގަސްޓު 2025 - 16:53

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހުގެނައީ މިހާރަށްވުރެ ބޮޑަށް ރައްޔިތުން ބާރުވެރިކުރުވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުންނާއެކުގައި މަސައްކަތްކުރާ ސަރުކާރެއްކަމަށެވެ.

ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލުކުރައްވާ ނިޒާމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު އަމަލީގޮތުން މި ނިޒާމުގެ ހިންގުން ހަރުދަނާކުރުމަށް އެތައް މަސައްކަތްތަކެއް ކުރެއްވިކަމަށެވެ.
މާލޭގެ މޭޔަރަކަށް ހުންނަވައި ގިނަ ގޮންޖެހުންތަކަކާއެކު މި ނިޒާމު އޭގެ އެންމެ ފުރިހަމަގޮތުގައި ހިންގައި ރައްޔިތުންނަށް ބާރުވެރިކަން ހޯދައިދިނުމަށް މަސައްކަތްކުރެއްވިކަން ރައީސްގެ ވާހަކަފުޅުގައި ތަކުރާރުކުރައްވާފައިވެއެވެ.
ގެނެވުނު އިސްލާހުތައް ރައްޔިތުންނަށް ތަފްސީލުކޮށްދެއްވައި ރައީސް ވިދާޅުވީ ކައުންސިލުތަކުން އާއްމު ފަރުދުންގެ ވިޔަފާރީގެ ތެރެއަށް ވަންނަ މަންޒަރު ފެންނަކަމަށާއި ކައުންސިލް ކުންފުނިތަކުން ކުދި ވިޔަފާރިކުރުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވާކަމަށެވެ. ބިލުގައި ކައުންސިލްތަކަށް ވިޔަފާރިކުރުމަށް ހުރަހެއް ނެތްކަމަށް ވިދާޅުވެ 10 މިލިއަނަށްވުރެ ބޮޑުވާނަމަ ކޮންމެ ދާއިރާއަކުންވެސް ވިޔަފާރިކޮށްގެން ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދިނުމުގެ ފުރުސަތު އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. އިސްލާހުގެ އެއް ބޭނުމަކީ ރަށްރަށުގައި އާއްމު ފަރުދުން ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށްދިނުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ދެވަނަ އިސްލާހަކީ ރައްޔިތުންނަށް އާއްމު ހިދުމަތް ދިނުމަށް ބޭނުންކުރާ ބިންތަކުން ކުލި ނަގަމުން އަންނައައުން ހުއްޓުވުމަށް ހުށަހެޅި އިސްލާހެއްކަމަށް ވިދާޅުވެ ބައެއް ކައުންސިލުތަކުން މި ކުލި ނަގާތީ ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ބޮޑުވާކަމުގެ ކަންބޮޑުވުން ރައީސްވަނީ ފާޅުކުރައްވާފައެވެ.
" އާއްމު ހިދުމަތާ ބެހޭ ވަކި ޗެޕްޓަރެއް އޮންނާނެ ލާމަރުކަޒީ ގާނޫނުގައިވެސް. ކައުންސިލްގެ މައްޗަށް ލާޒިމުކަމެއް އެހެން ކުންފުންޏަކުން ކުރަންޏާ ތާޑް ޕާޓީ އެގްރީމެންޓެއް ވެސް ހަދަންޖެހޭ. އެހެން އޮތް އިރުވެސް ބައެއް ކައުންސިލްތަކުން ބޮޑެތި އަދަދުތައް އެބަ ނަގާ. އާއްމު ހިދުމަތް މިއީ. މި ގެނައި އިސްލާހުގައި މި ބުނަނީ މިގޮތައް ބޮޑު ކުލި ނުނެގޭނެއޭ. އެހެން ހެދީމައި ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ބޮޑުވަނީ". ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކައުންސިލްތަކަށް ލިބޭ އާއްމުދަނީން ޓެކްސް ދައްކަންޖެހޭކަމަށާއި ޓެކްސްގެ ގޮތުގައި ލިބޭ ފައިސާއިން ރައްޔިތުންނަށް އެތައްކަމެއް ކޮށްދެމުން އަންނަކަން ފާހަގަކުރައްވަމުން ބައެއް ކައުންސިލްތަކުން ޓެކްސް ނުދައްކާކަމުގެ ކަންބޮޑުވުންވެސް ރައީސްވަނީ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަނީ އާއްމުދަނީން ޓެކްސް ނަގައި ރައްޔިތުންނަށް ނުލިބިވާ ހިދުމަތްތައް ދިނުމުގެ މަގު ފަހިކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
ބައެއް ކައުންސިލްތަކުގެ ކޮރަޕްޝަނުގެ މައްސަލަތައް މިފަހުން ފެންމަތިވެފައިވާއިރު ލާމަރުކަޒީ ގާނޫނަށް ދެން ގެނެވޭ އިސްލާހުތައް ގެންނަނީ ކޮރަޕްޝަނާއި ފަސާދަ ނައްތާލައި ދެފުއްފެންނަގޮތަކަށް ރައްޔިތުންގެ ފައިސާ ހޭދަކުރުމަށް ބާރުއެޅުމާއި ޖަވާބުދާރީވުމަށް ބާރުއެޅުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
" ހޯދާ އާއްމުދަނީ އާ ބެހޭ މައުލޫމާތު އެލްޖީއޭއަށްވެސް އަދި ރައްޔިތުންނަށްވެސް ހާމަނުކުރަނީ. ޗެކް އެންޑް ބެލެންސެއް ނެތް މިކަމުގައި. ހޯދާ އާއްމުދަނީގެ ތަފްސީލް އެލްޖީއޭއަށް ލިބެންޖެހޭނެ. ގާނޫނުގައި ލިޔަންވެސް ހަގީގަތުގައި ނުޖެހޭނެ. އެކަމަކު ނުކުރާތީ އެންމެފަހުން މިޖެހުނީ ގާނޫނުގައި ލިޔަން. ކޮބާތޯ މީގައި ކައުންސިލެއްގެ ބާރު ކަނޑުވާލާފައި. ނޯންނާނެ". ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އިންތިހާބުތަކާ ދިމާކޮށް ކުރިން ޕްލޭންކޮށްފައި ނެތް އެތައް މަޝްރޫއުތަކެއް ފެށުމާއި ބިންތައް ކުއްޔަށް ދިނުމާއި ވަޒީފާތައް ދިނުން އާއްމުވެ އެކަން ހައްލުކުރަން ކައުންސިލުން ހުށަހަޅާ ކަންކަމަކީ ކޮންމެހެން ރަށްރަށަށް ބޭނުންވާ ކަންކަންތޯ ބެލުމަށް އެލްޖީއޭ އަދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަން ލާޒިމްވާގޮތައް ލާމަރުކަޒީ ގާނޫނަށް އިސްލާހުގެނައުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
" އެންމެ ފަހު އަހަރު މިކަން ކުރަންޖެހޭނީވެސް . އިސްލާހުތަކުގައި އޮތީ ރައްޔިތުން ބާރުވެރިކުރުވުން. ޗެކް އެންޑް ބެލެންސް އުސޫލުތައް. އާއްމުންގެ ވިޔަފާރި ހިމާޔަތްކުރުން . މިއީ މި ނިޒާމު ތަރައްގީކުރަން ގެންނަ އިސްލާހުތަކެއް .ސަރުކާރުން ހިދުމަތްދެނީ ވަރަށް ސީރިއަށް ވިސްނުމެއްގައި".
ރައީސް ވަނީ ސިޔާސީ ހިޔާލުތަފާތުވުންތައް ހުރުމަކީ މައްސަލައެއް ނޫންކަމަށާއި އެހެންނަމަވެސް ކައުންސިލްތަކުން ޕްރޮފެޝަނަލީ އެއްބާރުލުން ދޭންޖެހޭނެކަމަށް ވިދާޅުވެފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަރަށް ގިނަ ކައުންސިލްތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަަކައި ސިޔާސީ ހިޔާލުތަފާތުވުންތައް އެއްފަރާތްކުރާކަމަށް ވިދާޅުވެ ރައީސްވަނީ އެކަމަށް ޝުކުރު ދަންނަވާފައެވެ.
ރައީސް ވިދާޅުވިގޮތައް ލާމަރުކަޒީ ގާނޫނަށް ގެނެވޭ އިސްލާޙުތަކަކީ ރައްޔިތުންގެ މަސްލަހަތު ރައްކާތެރިކޮށް، އާންމު ވިޔަފާރިތައް ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ މުހިންމު ބަދަލުތަކެކެވެ. މީގެ ސަބަބުން ކައުންސިލްތަކުގެ ޚިދުމަތްތައް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެއެވެ. އަދި ރައްޔިތުންގެ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓި، ދެފުށް ފެންނަ ގޮތެއްގައި ޚަރަދުކުރެވިގެންދާނެއެވެ.
މި އިޞްލާޙަކީ ދައުލަތުގެ އެހީ ދޫކުރުމުގެ ގަވާއިދުތައް މުރާޖާކުރެވި ބޭނުންތެރިކަމާއި ކައުންސިލްތައް ބާރުވެރިކުރެވި، ޢަދުލު ވެރިކަމާއެކު އެހީ ބެހުމުގައި އެހީތެރިވެދޭނެ އިޞްލާޙްތަކެކެވެ. މި އިޞްލާޙްތަކުގެ ސަބަބުން ފަންޑިންގ ޕްރޮސެސް ތެރެއިން ފޭވަރިޒަމް، ކޮރަޕްޝަން ނުވަތަ ގޯސް މެނޭޖްމަންޓެއްގެ ނުރައްކާ ކުޑަކޮށްދޭނެއެވެ. އެހެންކަމުން މި އިސްލާހްތަކާމެދު ރައްޔިތުން ކަންބޮޑުވާންވީ ހަމަ އެއްވެސް ކަމެއްނެތެވެ.