އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސްގެ ތަހުނިޔާ
15 އޯގަސްޓު 2025 - 04:41

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް ފޮނުއްވި މެސެޖުގައި ވަނީ އެ ގައުމުގެ ރައީސް ދްރޫޕަދީ މުރްމޫގެ އިތުރުން ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައިސިފަކުރައްވައި އަދި ދެ ގައުމުގެ އިސްވެރިންގެ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ އިތުރުން ރައްޔިތުންގެ ދެމެދު ކުރެވޭ މުއާމަލާތްތައްވެސް އިހުލާސްތެރިކަމާއިއެކު ބަލައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
އެ މުއާމަލާތްތަކުން ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭކަމަށް ރައީސް ވިދާޅުވިއެވެ.
އިންޑިއާގައި ކޮންމެ އަހަރަކުވެސް އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހަކީ 1947 ވަނަ އަހަރު އޭރު އިންޑިއާގައި އިނގިރޭސިވިލާތުން ކުރަމުންއައި ވެރިކަން ނިމުމަކަށް އައިސް އަމިއްލަ މިނިވަންކަން ލިބުުނު ދުވަހެވެ.
އިންޑިއާގައި އިނގިރޭސިންގެ ވެރިކަން ފެށުނީ 1757 ވަނަ އަހަރު ޕްލާސީ ހަނގުރާމައިގައި އިނގިރޭސިންނަށް ލިބުނު ކާމިޔާބީއަށްފަހު، އިނގިރޭސި އީސްޓް އިންޑިއާ ކޮމްޕެނީން އެ ގައުމުގެ މައްޗަށް ކޮންޓްރޯލް ހޯދާ، ވެރިކަމާ ހަވާލުވި ހިސާބުންނެވެ. އިންޑިއާގެ މިނިވަންކަމުގެ ހަރަކާތް ފެށުނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުއެވެ. އެ ހަރަކާތުގައި އިސްކޮށް ހުންނެވީ މަހާތްމާ ގާންދީއެވެ.