ލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް: ނިޒާމު ހަރުދަނާކޮށް ޗެމްޕިއަން ކުރުމުގެ މަގަށް

15 އޯގަސްޓު 2025 - 09:12

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް ކަންކޮށްފައިވާ ގޮތާއި، ކުރަމުން އަންނަގޮތާއި، ހާމަކޮށްދޭ ސިޔާސަތުގެ އަލީގައި ދިވެހިރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށް އެންމެ މުހިންމު އެއް ތަނބަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުންކަން އަންނަނީ ސާބިތުކޮށްދެމުންނެވެ. އަދި ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނަށް އެމީހުންގެ ދިރިއުޅުމާ ގާތުން، އެމީހުން ބޭނުންވާ ގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ވަޞީލަތްކަން އަންނަނީ އަމަލީގޮތުން ދައްކުވައިދެމުންނެވެ.
މި ސަރުކާރުން މިނިޒާމު ހިންގުމުގައި އެންމެ ބޮޑު މަޤްޞަދެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދިވެހިރާއްޖޭގެ އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކާއި ޚިދުމަތްތައް ފޯރުކޮށްދީ، އެބައިމީހުން ބާރުވެރިކުރުވުމެވެ. މިކަންކަން ހާސިލް ކުޅައުމަށްޓަކައި ރައީސް ޑރ. މުޢިއްޒު ޚާއްޞަ ސިޔާސަތުތަކެއް ގެންގުޅުއްވައެވެ. މިގޮތުން ބަލާއިރު، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދެވޭކަން ޔަޤީންކުރުމަށްޓަކައި، މާލޭގައި ތިބެގެން ނުވަތަ ކައުންސިލްތަކާއި މުއައްސަސާތަކުގެ ވެރިން މާލެއަށް ގެނެސްގެން ކަންކަން ކުރުމަކީ މިސަރުކާރު ޤަބޫލުކުރާ ހަމައެއް ނޫނެވެ.

މި ސިޔާސަތުގެ ފުނަށް ފީނާ ވަޑައިގެން މި ސަރުކާރުގެ ލާމަރުކަޒީ ވިސްނުން ރައީސް މުޢިއްޒު ވަނީ ވަރަށް ތަފްސީލްކޮށް 13 އޯގަސްޓް 2025 ގައި ބ. ދަރަވަންދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވިދާޅުވެދެއްވާފައެވެ. އަދި މި ބައްދަލުވުމުގައި ރައީސް ވަނީ ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެންނަވާ އިސްލާޙްތަކާއި ބަދަލުތަކުގެ މައްޗަށް ވަރަށް ތަފްސީލްކޮށް އަލިއަޅުއްވާލައްވާފައެވެ.
''އަޅުގަނޑު ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރެވޭކަން ޔަޤީންކުރަން. ރައްޔިތުންނާ ގާތުން ޚިދުމަތްދޭން. އެއްގޮތަކަށްވެސް އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން، އަޅުގަނޑު މާލޭގައި މަޑުކޮށްފައި، ކައުންސިލްތައް މާލެއަށް ގެންދަން. މުއައްސަސާތަކުގެ ވެރިން މާލެއަށް ދާން. މި ގޮތަށް މިކަންކަން ކުރުމަކީ، އެއްގޮތަކަށްވެސް އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫން. އަޅުގަނޑު ރައްޔިތުންގެ ގާތަށް މި އަންނަނީ މުޅި ޓީމު ގޮވައިގެން. ކަމާބެހޭ ހުރިހާ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންނާ އެކީގައި މި އަންނަނީ، ކަންކަން ބާރު ސްޕީޑްގައި އަވަހަށް، ރައްޔިތުން ބޭނުންވާގޮތަށް ކަންތައްތައް ކުރިއަށްގެންދަން. އިރާދަކުރެއްވީތީ، އޭގެ ނަތީޖާ ވަރަށް ރަނގަޅު. ރައްޔިތުންނަށް އެ ޔަޤީންކަން އަޅުގަނޑަށް އެބަދެވޭ، ކަންކަން ގެންދެވެނީ، ރައްޔިތުން ބޭނުންވާގޮތަށްކަން.'' ރައީސް ޑރ. މުޢިއްޒު (13 އޯގަސްޓް، ބ. ދަރަވަންދޫ)
ރައީސް މުޢިއްޒު ފާހަގަކުރަށްވާފައިވާ ގޮތުގައި މިގޮތަށް މަސައްކަތްކުރެއްވުމުގައި ކައުންސިލްތަކާއި މުއައްސަސާތަކުގެ އެއްބާރުލުން ވަރަށް މުހިންމެވެ. އެއީ، ކުރަށްވަމުން ގެންދަވަނީ ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާއި، ރަށުގެ ތަރައްޤީ އާއި ޤައުމީ ތަރައްޤީގެ ޚިދުމަތްކަމުންނެވެ. އެހެންކަމުން އެއްވެސް ހާލެއްގައި މިކަމުގައި ސިޔާސީ ވިސްނުންތަކާއި ޖާގަ ދިނުމަކުން ހުރަސްތަކެއް ކުރިމަތިވެގެންނުވާނެކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ. އެހެންކަމަށްވާނަމަ، އާޚިރުގައި ގެއްލުންވާނީ ރައްޔިތުންނަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބައެއް ރަށްރަށުގައި މިފަދަ ހުރަސްތައް ފެންނަމުންދާތީ، އޭގެ ގެއްލުން ރައްޔިތުންނަށް ލިބުމަކަށް މި ސަރުކާރު ބޭނުމެއްނޫނެވެ. އަދި ރައްޔިތުންނަށް ފުރިހަމައަށް ސަރުކާރުން ޚިދުމަތްދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ލާމަރުކަޒީ ނިޒާމަކީ ސަރުކާރު ފުރިހަމައަށް ޤަބޫލުކުރާ ނިޒާމެކެވެ. އަދި ޢަމަލީ ގޮތުން އެ ނިޒާމު ހިންގުމުގައި ތަޖުރިބާ ހުރުމުން ލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް އެނގިވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ސަރުކާރުގައި ކުރި ދައްޗާއި ފުރައްސާރައިގެ ތެރެއިން އެމަނިކުފާނު ވަނީ މާލޭ ސިޓީގެ މޭޔަރުކަން ކާމިޔާބުކުރަށްވައި، މޭޔަރުކަމުގައި ވޭތުކުރެއްވި މުއްދަތުގައި އެ ދުއްތުރާތަކުގެ ތެރެއިން ކާމިޔާބު ސާފު ނަތީޖާ ދައްކަވާފައެވެ.
''އަޅުގަނޑު ބޭނުންވަނީ، ރައްޔިތުންނަށް ފުރިހަމަގޮތުގައި ސަރުކާރުން ޚިދުމަތްދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރަން. ލާމަރުކަޒީ ނިޒާމަކީ އަޅުގަނޑު ފުރިހަމައަށް ގަބޫލުކުރާ ނިޒާމެއް. އަދި އަޅުގަނޑަކީ ޢަމަލީގޮތުން އެ ނިޒާމު ހިންގުމުގައި އުޅެފައި ހުރި މީހެއް. މާލޭގައި ވަރަށް ގިނަ ގޮންޖެހުންތަކާ އެކީގައި، ލާމަރުކަޒީ ނިޒާމު ހިންގަން މަސައްކަތްކުރި މީހެއް. އަޅުގަނޑަށް އެނގޭ، ލާމަރުކަޒީ ނިޒާމު އަލިފުން ޔާއަށް.'' ރައީސް ޑރ. މުޢިއްޒު (13 އޯގަސްޓް، ބ. ދަރަވަންދޫ)
ރައީސް ފާހަގަކުރެއްވި ގޮތުގައި ބައެއް ބޭފުޅުން، ސަރުކާރުން ރައްޔިތުންގެ ފަޅީގައި އޮވެ، ލާމަރުކަޒީ ނިޒާމަށް ގެންނަ އިޞްލާޙުތައް "ރައްޔިތުންނަށް ކޮށްދޭކަމެއް ނޫން" ކަމަށް ބުނެ ރަނގަޅުނޫން ތަސައްވުރެއް އުފައްދަން މަސައްކަތްކުރެއެވެ. ނަމަވެސް އެއީ ހަޤީޤަތެއް ނޫންކަމަށާއި، ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާގޮތަށް، ރައްޔިތުން ބާރުވެރިކުރުވާ ގޮތަށްކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން، ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިޞްލާޙުތަކުގެ ތެރޭގައި ހިމެނެނީ މުޅިންވެސް މިކަންކަން ހަރުދަނާކުރުމަށްޓަކައި ގެނެވުނު މުހިންމު ބަދަލުތަކެވެ. މިކަންކަން ސާފުކޮށްދިނުމުގެ ގޮތުން ރައީސް ވަނީ އެ އިޞްލާޙުތައް ތަފްޞީލްކޮށްދެެއްވާފައެވެ.
1. ކައުންސިލް ކުންފުނިތަކުން ކުދި ވިޔަފާރި ކުރުން މަނާކުރުން
މިހާރު ބައެއް ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކޮމްޕެނީ (LAC) އުފައްދައިގެން އާންމު ފަރުދުން ހިންގާ ކުދިކުދި ވިޔަފާރިތައް ހިންގައެވެ. މިސާލަކަށް ކަންމަތީ ފިހާރަ ފަދަ ތަންތަނުގެ ވިޔަފާރިއާވެސް މި ކުންފުނިތައް އެބަ ބައިވެރިވެއެވެ. މިކަމުގެ ސަބަބުން ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަށް އޮތް މަގުތަކަށް ހުރަސްއެޅެއެވެ. އެހެންކަމުން ގެނެވުނު އިޞްލާޙަކީ، ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން ރަށްރަށުގެ ރައްޔިތުން ހިންގާ ކުދި ވިޔަފާރިތައް ނުހިންގޭނެ ކަމެވެ. މި ކުންފުނިތަކުން ކުރަންޖެހޭނީ މަދުވެގެން 10 މިލިއަން ރުފިޔާއަށްވުރެ ބޮޑެތި އިންވެސްޓްމަންޓްތަކެވެ. މިފަދަ ބޮޑެތި ވިޔަފާރިތަކުން ލިބޭ ފައިދާއިން ރައްޔިތުންނަށް ކައުންސިލްތަކުން ކަންކަން ކޮށްދެވޭނެއެވެ. މިއީ ކުދި، މެދުފަންތީގެ ވިޔަފާރިތައް ހިމާޔަތްކޮށް، ރައްޔިތުން ބާރުވެރިކުރުވުމަށް ގެނެސްފައިވާ އިޞްލާޙެކެވެ.
2. އާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ ބިންތަކުން ކުލި ނެގުން މަނާކުރުން
ގިނަ ކައުންސިލްތަކުން ރައްޔިތުންނަށް ފެން، ކަރަންޓް، ނަރުދަމާ ފަދަ އާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ބިންތަކުން ވަރަށް ބޮޑު ކުއްޔެއް ނަގައެވެ. މިއީ އާންމު ޚިދުމަތްތަކަށްވާތީ، ކުލި ނެގުމުން ރައްޔިތުންނަށް ޚިދުމަތް އަގުބޮޑުވެގެން ދެއެވެ. ލާމަރުކަޒީ ނިޒާމުގެ ޤާނޫނުގައިވެސް ކައުންސިލްތަކުން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ލާޒިމުކުރެއެވެ. މިކަންކަން ހަރުދަނާކޮށް ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށްޓަކައި ގެނެވުނު އިޞްލާޙަކީ، އާންމު ޚިދުމަތްތައް ދޭ ބިންތަކުން ދެން ކުއްޔެއް ނުނެގޭނެ ކަމެވެ.
3. ކައުންސިލްތަކުގެ އާމްދަނީން ޓެކްސް ދެއްކުން
ކައުންސިލްތަކަށް ޤާނޫނުގައި ވަރަށް ފުޅާކޮށް އާމްދަނީ ހޯދުމުގެ ޖާގަ ދީފައިވެއެވެ. މި އާމްދަނީ ހޯދަނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްޓަކައެވެ. ނަމަވެސް ޤާނޫނުގައި ސާފުކޮށް އޮންނަ ގޮތުން، ވިޔަފާރިއެއް ކޮށްފިނަމަ އެ ވިޔަފާރިން ލިބޭ ފައިސާއިން ޓެކްސް ދައްކަންޖެހެއެވެ. ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައެވެ. އެހެންކަމުން، ކައުންސިލްތަކުން ހޯދާ އާމްދަނީން ޓެކްސް ދައްކަން މަޖުބޫރުވާ ގޮތަށް މިވަނީ އިޞްލާޙު ގެނެސްފައެވެ. މިއީވެސް ރައްޔިތުން ބާރުވެރިކުރުވުމާއި، ރައްޔިތުންނަށް މުއްސަނދިކަން ގެނެސްދިނުމަށް ގެނެވުނު އިޞްލާޙެކެވެ.
4. ކައުންސިލް އެކައުންޓްތަކުގެ ފައިސާގެ ތަފްޞީލު ހާމަކުރުން
ބައެއް ކައުންސިލްތަކުން އެކައުންޓްތަކުގައި ހުންނަ ފައިސާގެ ތަފްޞީލާއި ހޯދާ އާމްދަނީ ހާމައެއް ނުކުރެއެވެ. މިކަމަކީ ދެފުށް ފެންނަ ގޮތެއް ނޫނެވެ. ޗެކް އެންޑް ބެލެންސެއް ނެތްކަމުން ޒިންމާދާރުކަން ކުޑަވެއެވެ. އެހެންކަމުން، ރައްޔިތުން ހޮވާފައި ތިބޭ ކައުންސިލަރުން، ރައްޔިތުންގެ ކައުންސިލްތައް ހިންގާއިރު، އެ ހޯދާ އާމްދަނީ އާއި ފައިސާ ޖަމާކުރާ އެކައުންޓްތަކުގެ މަޢުލޫމާތު ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (LGA) އަށް ޙިއްޞާކުރަން ޖެހޭނެ ގޮތަށް މިވަނީ އިޞްލާޙު ގެނެސްފައެވެ. މިއީ ކައުންސިލްތަކުގެ ބާރު ހަނިކުރުމެއް ނޫނެވެ. ރައްޔިތުންނަށް ހިދުމަތްދިނުމަށް ޒިންމާދާރުކުރުމަށް ގެނެވުނު އިޞްލާޙެކެވެ.
5. އިންތިޚާބާ ކައިރިވެގެން ބައެއް ޚަރަދުތަކަށް ހުއްދަ ހޯދުން
ބައެއް ކައުންސިލްތަކުން އިންތިޚާބާ ކައިރިކޮށްފައި، ޒިންމާދާރުކަން ކުޑަކޮށް، ދެފުށް ނުފެންނަ ގޮތަށް، ސިޔާސީ މަޤްޞަދު ހާސިލުކުރުމަށްޓަކައި، ރަށްރަށުގައި ހުންނަ ބިންތައް ކުއްޔަށްދީ، އެތައް ބަޔަކު ކޮންޓްރެކްޓަށް ވަޒީފާއަށް ނަގައެވެ. މިއީ ކުރިން ޕްލޭންކޮށްފައި ނުވާ ކަންކަމަށްވާއިރު، ރައްޔިތުންނަށް ފައިދާވާ ގޮތަކަށްނޫން ކުރާ ކަންކަމެވެ. ރަށުގެ ތަރައްޤީގެ ޕްލޭނަކީ ރައްޔިތުންނާ ބައްދަލުވުމެއް ބާއްވައިގެން ފާސްކުރަންޖެހޭ އެއްޗެކެވެ. އެހެންކަމުން، މިފަދަ ކަންކަން އިންތިޚާބާ ކައިރިވެފައި ކުރަންޏާ، LGA އާއި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް މިވަނީ އިޞްލާޙު ގެނެސްފައެވެ. މިއީ ޗެކް އެންޑް ބެލެންސް ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ގެނެވުނު އިޞްލާޙެކެވެ. މި ހުއްދަ ހޯދަންޖެހޭނީ އިންތިޚާބު ފެށުމަށް އެއް އަހަރުވެފައިވާ ވަގުތުގެ ތެރޭގައެވެ. އިންތިޚާބުގެ ކުރިން އޮންނަ ހަތަރު އަހަރުގެ ތެރޭގައި މިފަދަ ހުއްދައެއް ނަގަން ނުޖެހޭނެއެވެ. މިއީ ޗެކް އެންޑް ބެލެންސްގެ ނިޒާމެއް ޤާއިމުކުރުމަށް ގެނެވުނު އިޞްލާޙެކެވެ.
މި އިޞްލާޙުތަކުގެ ތެރޭގައި ރައްޔިތުން ބާރުވެރިކުރުވުން ނޫންކަމެއް، ޗެކް އެންޑް ބެލެންސް ނިޒާމެއް ގެނައުން ނޫންކަމެއް، ގުޑް ގަވަރނަންސްއެއް ނޫންކަމެއް، ނުވަތަ އަމިއްލަ ކުދިކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެ ވިޔަފާރިތައް ހިމާޔަތްކުރުން ނޫންކަމެއް ހިމަނާފައިނުވާނެކަން ރައީސް ވަނީ ފާހަަގަކުރަށްވާފައެވެ. އަދި މިއީ ލޯކަލް ގަވަރންމަންޓް ނިޒާމު، ނުވަތަ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކުރިއެރުވުމަށް ގެންނަންޖެހޭ އިޞްލާޙުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިނިޒާމަކީ ސަރުކާރުން ބަލައިގަންނަ، އަދި ވަރަށް ބޮޑަށް ހިންގަން ބޭނުންވާ ނިޒާމެކެވެ. އެހެންކަމުން މިއީ މިނިޒާމު އިތުރަށް ތަރައްޤީކުރުމަށް ގެނެވުނު އިޞްލާޙުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
''މިއީ ލޯކަލް ގަވަރންމަންޓް ނިޒާމު، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި، ޗެމްޕިއަން ކުރުމަށް، ގެންނަންޖެހޭ އިޞްލާޙުތަކެއް. މި ނިޒާމަކީ އަޅުގަނޑުމެން ބަލައިގަންނަ، އަޅުގަނޑުމެން ވަރަށް ބޮޑަށް ހިންގަން ބޭނުންވާ ނިޒާމެއް. އެ ނިޒާމު އިތުރަށް ތަރައްޤީކުރަން ގެނައި އިޞްލާޙުތަކެއް މިއީ. އެހެންވީމާ، މި އިޞްލާޙުތައް މިގެނައީ. މިކަންކަން އަޅުގަނޑު މި ކިޔައިދިނީ، މިކަންކަން ރައްޔިތުންނަށް ސާފުނުވެ އޮތީމާ. ނުވާގޮތަށް ބައެއް ކައުންސިލްތަކުން، ބައެއް ކައުންސިލަރުން، ބައެއް ޖަލްސާތަކުގައި އެކިކަހަލަ ވާހަކަ އެބަ ދައްކަވާ. ފަހަރެއްގައި އެ ބޭފުޅުންނަށްވެސް އެކަން ސާފުނުވެ އޮތީމަ ކަމަށްވެދާނެ. އެހެންވީމާ، އަޅުގަނޑު މި ވާހަކަތައް މި ދެންނެވީ.'' ރައީސް ޑރ. މުޢިއްޒު (13 އޯގަސްޓް، ބ. ދަރަވަންދޫ)
ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްދެނީ، ވަރަށް ސީރިއަސް ވިސްނުމެއްގައި ކަމަށެވެ. އަދި މި ސަރުކާރާއި ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި ހޭދަވާ ކޮންމެ ސިކުންތެއް ވަރަށް މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.
''އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑު ކޮށްގެންހުރި ހުވަޔާ އެއްގޮތަށް، އަޅުގަނޑުވެފައި ހުރި ވަޢުދުތައް ފުއްދުމުގައި ރެޔާއި ދުވާލު ހޭދަކުރަން. ލަފްޒީ މާނައިގައި ރެޔާއި ދުވާލު މި ހޭދަކުރަނީ. އެކަން އަޅުގަނޑު ކުރަންޖެހޭތީ. އެކަން ގަބޫލުކުރާތީ. އަޅުގަނޑުމެންގެ މުޅި ޓީމު މަސައްކަތްކުރަނީ އެގޮތަށް. މިނިސްޓަރުން، އެމް.ޑީން.، އަޅުގަނޑުމެންގެ މަޖިލިސް މެންބަރުން އެކުރަނީ އެ މަސައްކަތް. ރަށްރަށުގައި މިތިބޭ އަޅުގަނޑުމެންގެ ކުންފުނިތަކުގެ ވެރިން، އެކިއެކި މުއައްސަސާތަކުގެ ވެރިން މި ކުރަނީ އެ މަސައްކަތް. އެކަން ކުރުމަށް ބޭނުންވަނީ، އެންމެންގެ ޕްރޮފެޝަނަލް އެއްބާރުލުން. ސިޔާސީ ޚިޔާލު ތަފާތުވިޔަސް މައްސަލައެއް ނެތް. ޕްރޮފެޝަނަލީ އެއްބާރުލުން ދެއްވަންޖެހޭނެ. އެ އެއްބާރުލުން ދެއްވުމަށް އެއްވެސްކަހަލަ ހުރަހެއް ކުރިމަތިވުމަކީ، ވަރަށް ގެއްލުންހުރި ކަމެއް.'' ރައީސް ޑރ. މުޢިއްޒު (13 އޯގަސްޓް، ބ. ދަރަވަންދޫ)
ރައްޔިތުންނަށް ޒިންމާދާރުކަމާއެކީގައި ޚިދުމަތްދިނުމަކީ، ސިޔާސީ ޚިޔާލު ތަފާތުވުންތައް ދޫކޮށްލާފައި، ރައްޔިތުން ހޮވީމާ، އެ ހިސާބުން އެއީ ކޮންމެ ޕާޓީއެއްގެ ބަޔަކަށްވިޔަސް، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ގަބޫލުކޮށްގެން ޚިދުމަތް ދިނުމެވެ. އަދި އޮންނަ ސަރުކާރަކީ، ތިމަންނަމެން ގަބޫލުކުރާ ސިޔާސީ ފިކުރުކަމުގައި ނުވިޔަސް، ޕްރޮފެޝަނަލީ ޒިންމާދާރުކަމާއެކީގައި ފުރިހަމަ އެއްބާރުލުން ދިނުމެވެ. މިގޮތަށް އެއްބާރުލުންދޭ ވަރަށް ގިނަ ކައުންސިލްތައް އެބަހުއްޓެވެ. ރައީސް ވިދާޅުވިގޮތުގައި އެކަމާ ސަރުކާރު ވަރަށް އުފާވެއެވެ. އަދި ގިނަ ކައުންސިލްތަކަކީ ވަރަށް ޒިންމާދާރު ބަޔެއްކަން ވަނީ ފާހަގަކުރަށްވާފައެވެ.
''އެގޮތަށް ކަންތައްތައް ގެންދެވެންޏާ، އަޅުގަނޑުމެން ވެފައިހުރި ވަޢުދުތައް ފުއްދުމުގައި ވަރަށް ބާރު ސްޕީޑްގައި ކަންކަން ހާސިލުވާނެ. އަޅުގަނޑަށް ވަރަށް މުހިންމު، ހަމަ ކުރިން މި ދެންނެވިހެން، ކޮންމެ ވަގުތުކޮޅެއްވެސް ރައްޔިތުންނަށް ޚިދުމަތްދިނުމުގައި. އަޅުގަނޑުމެންނަކަށް ވަގުތު ބޭކާރުކުރެވޭކަށް ނެތް. ކުރާކަށް ނުވެސްނެތީމު. މިގޮތަށް އަންނަ ޚިޔާލު ތަފާތުވުންތައް، ހުރަސްތައް އެގޮތަށް ކުރިމަތިކޮށްގެން. އެ ފުރުޞަތެއް ނުލިބޭނެ. އަޅުގަނޑެއް ނުއެއްދޭނަން އެ ފުރުޞަތެއް. އެހެންވީމާ، އަޅުގަނޑުމެން މި ކަންތައްތައް މި ކުރަނީ. ޒިންމާދާރު، ޕްރޮފެޝަނަލް، ދެފުށް ފެންނަ، ގުޑް ގަވަރނަންސް ނިޒާމެއްގެ ގޮތުގައި، މި ނިޒާމު ހަރުދަނާ ކުރުމަށްޓަކައި'' ރައީސް ޑރ. މުޢިއްޒު (13 އޯގަސްޓް، ބ. ދަރަވަންދޫ)