ކައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

15 އޯގަސްޓު 2025 - 18:44

ލ. ކައްދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެނެއް ހުކުރު ދުވަހުގެ ރޭ ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 15 އޯގަސްޓް 2025 ދުވަހުގެ ރޭ 19:18 ހާއިރު ކަމަށެވެ.

ފުލުހުން ދިން މައުލޫމާތުތަކަށް ބަލާއިރު، މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ ލ. ފޮނަދޫން ގަމަށް ދަތުރުކުރަމުންދިޔަ ސައިކަލެއް، ލ. ކައްދޫ އެއާޕޯޓަށް ދާ މަގުން ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރަން އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރި ދެ އަންހެނުންނަށާއި، ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން، ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.
ގަން ރީޖަނަލް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.