ޣައްޒާގެ ހިސޯރު ނައްތާލުމަށް ބާއްވާ ގައުމީ ބޮޑު އެއްވުން މާދަމާ
14 އޯގަސްޓު 2025 - 10:27

ރާއްޖޭގައި ޣައްޒާއަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ބާއްވާ އެންމެ ބޮޑު ހަރަކާތައް މާދަމާ ބާއްވަން ނިންމައިފިއެވެ.
މި ހަރަކާތް އެއްވަގުތެއްގައި ރާއްޖޭގެ މީހުން ދިރިއުޅެމުންދާ 50 ހަށްވުރެ ގިނަ ރަށުގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި މާލޭ ސަރަހައްދުގައި އެއްވުން އޮންނަނީ މާފަންނު ޓާފް ސްޓޭޓިއަމް ސަރަހައްދުގައި ހުކުރު ދުވަހުގެ ހަވީރު 4:30 ގައެވެ.

މިއީ ސުލްހައަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެކްޓިވިސްޓުންގެ ޖަމާއަތެއްކަމަށްވާ "ގްލޯބަލް ސުމޫދް ފްލޮޓިއްލާ" ހަރަކާތުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތުގައި ދުނިޔޭގެ 44 ގައުމަކުން ބައިވެރިވާ އެއްވުމެކެވެ. ރާއްޖެ ހިމެނޭހެން ނޭޕާލް، ބަގްލަދޭޝް، ޕާކިސްތާން،ފިލިޕީންސް އަދި ސްރީލަންކާގައި ވެސް ޣައްޒާގެ ހިސޯރު ނައްތާލުމަށް ބާއްވާ އެއްވުންތައް ކުރިއަށް ދާނެކަމަށް އިންތިޒާމު ކޮމިޓީން މައުލޫމާތުދެއެވެ.
މި ހަރަކާތް އިންތިޒާމް ކުރާ ޖަމިއްޔާ ޖަމާތްތަކުން ބުނީ މި އެއްވުމުގައި ވެސް ގޮވާލަމުންދާނީ ހަމަ އެއް ކަމަކަށް ކަމަށެވެ. އެގޮތުން ޣައްޒާއަށް އަސާސީ ކާބޯތަކެތި ވެއްދުމަށް ހިސޯރު ނައްތާލައި، ބޯޑަރުތައް ހުޅުވާލުމަށް ކަމަށް އެ ޖަމިއްޔާ ޖަމާތްތަކުން ބުނެއެވެ.
މާދަމާ 4:30ގައި އެއްވުން ފައްޓާނެކަމަށް އިއުލާނު ކުރެވިފައި ވީނަމަވެސް، ހަތަރެއް ޖަހާއިރަށް ހުރިހާ ބޭފުޅުން ވެސް އައުމަށް އިސްކަން ދިނުމަށް އެދެން، ގްލޯބަލް ސުމޫދް ފްލޮޓިއްލާ ޖަމިއްޔާ
މި ހަރަކާތަކީ ޣައްޒާގެ ރައްޔިތުން އާންމު ހާލަތައް ގެނައުމަށް މުޅި ދުނިޔޭގެ، އާންމު ރައްޔިތުން ނުކުމެ ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އިންތިޒާމު ކޮމިޓީން ބުނެއެވެ. ޣައްޒާގެ ރައްޔިތުންގެ މިނިވަންކަމުގެ ހައްގުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހަވެރި މި އެއްވުމުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެ، މިކަމުގައި ދިވެހިންގެ އެއްބައިވަންތަކަން ދެއްކުމަށްވެސް ކޮމިޓީންވަޏި އިލްތިމާސްކޮށްފައެވެ.
މި އެއްވުމަކީ ވަރަށް ހިތްދަތި އެއްވުމެއް ކަމަށް ވާއިރު، އަހްލާގީ މިންގަނޑުތައް ހިފެއްޓުމަށްޓަކާއި ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަށް ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ރާއްޖެ ވަޑައިގެން އުޅޭ ޑިޕްލޮމެޓިކް މިޝަންތަކުގެ އުޅުއްވާ އެއްވެސް ބޭފުޅަކަށް ހަމަލާއެއް ދިނުމަށް ނުގޮވުމާއި ދިވެހިރާއްޖޭގެ ގާނޫންތަކާއި، އިސްލާމީ ޝަރީއަތާއި ހިލާފްވާ އެއްވެސް ކަމެއް މި އެއްވުމުގައި އެއްވެސް ފަރާތަކުން ނުކުރުމަށް އެދޭ ކަމަށް މި ޖަމިއްޔާ ޖަމާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.