މާލޭގައި ބޮލަކަށް ޖެހެނީ 5.4 އަކަ ފޫޓު ނުވަތަ ބޮޑު ތަށިމުށިގަނޑެއްގެ ފުޅާމިން: ސިޓީ ކައުންސިލުގެ އޮޑިޓް
.jpg&w=96&q=75)
17 އޯގަސްޓު 2025 - 12:08

ގްރޭޓާ މާލޭ އެރިއާގެ ތެރެއިން އެންމެ ކުޑަ ޖާގައެއްގައި މީހުން ދިރިއުޅެމުން އަންނަ ރަށަކީ މާލެ ކަމަށާއި، އެގޮތުން މާލޭގައި މީހެއްގެ ބޮލަކަށް ޖެހެނީ 5.4 އަކަފޫޓު ނުވަތަ ބޮޑު ތަށިމުށިގަނޑެއްގެ ފުޅާމިން ކަމަށް މާލެ ސިޓީ ކައުންސިލުން ކުރި އޮޑިޓަކުން ދައްކައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ނެރެފައިވާ އެ ކައުންސިލުގެ އާބަން ޕްލޭނިންގެ ކޮންސެލްޓަންޓުން ތައްޔާރުކުރާ ލޭންޑް އޮޑިޓުގެ އަދާހަމައިން ދައްކާ ގޮތުން، މުޅި ރާއްޖޭގެ 41 އިންސައްތައިގެ އާބާދީ ދިރިއުޅެމުން އަންނަ ސަރަހައްދަކީ މާލެ ސިޓީއެވެ. އެގޮތުން ބަލާއިރު ވެސް އޭގެ ތެރެއިން 68 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ މާލެއާއި ވިލިމާލޭގައި ކަމަށާއި، ބާކީ32 އިންސައްތަ މީހުން އެއީ ހުޅުމާލޭގައި ކަމަށް އެ އޮޑިޓުން ދައްކައެވެ.

އެ އޮޑިޓުގެ އަދާހަމައިން ދައްކާ ގޮތުގައި، އެހާބޮޑު އާބާދީއެއްގެ މީހުން އެއްތަނެއްގައި އުޅެން ޖެހުމުގެ ސަބަބުން މާލޭގެ އަވަށްތަކުގެ ބައެއް ސަރަހައްދުތައް ތޮއްޖެހި އިންސާނުން ދިރިއުޅުމަށް ބޭނުންވާ ޖާގަ ނެތެވެ. އެގޮތުން ވިލިމާލޭގައި ދިރިއުޅޭ މީހަކަށް 193 އަކަފޫޓުޖެހޭ އިރު ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް ޖެހެނީ 27 އަކަފޫޓު ކަމަށާއި، މާލޭގައި މީހެއްގެ ބޮލަކަށް ޖެހެނީ 5.4 އަކަ ފޫޓު ކަމަށް އެ އޮޑިޓުގައި ބުންޏެވެ.
މާލެ ސިޓީގެ މަޖީދީ މަގު
އެ އޮޑިޓުން ބުނި ގޮތުގައި، އިންސާނުން ދިރިއުޅުމަށް ކަމުދާ އެންމެ ކުޑަ މިންގަނޑެއް ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑަކީ ބޮލަކަށް 96.8 އަކަފޫޓަށް ވާއިރު، މާލޭގެ ބޮލަކަށް ޖެހޭ އަކަފޫޓުގެ މިންވަރު އެ އޮޑިޓުގައި ފާހަގަކޮށްފައިވަނީ ބޮޑު ތަށިމުށިގަނޑެއްގެ ފުޅާމިނުގެ ގޮތުގައެވެ.
އެ އޮޑިޓުގައި ގެ ހުރިހާ ކޮއްޓެއްގެ ބޮޑުމިނާއި އެކޮށި ތަކުގައި ހިމެނޭ ގޯތިތަކުގެ ބޮޑުކުޑަމިން ފެންނާނެއެވެ.
މީގެ އިތުރުން މާލެ އަދި ވިލިގިލީގެ ހުރި ގެތަކުގެ އަދަދާއި، ސުކޫލުތަކާއި، ފިހާރަތަކާއި، އޮފީސްތަކާއި އަދި އެނޫންވެސް ބިންތަކުގެ މަޢުލޫމާތު ވަކިން ވަކިން ފެންނަން ހުންނާނެ އިރު، މުޅި ލޭންޑް އިންފޮމޭޝަން ސިސްޓަމް ނިމޭއިރު މާލޭގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބިންތައް ބޭނުން ކުރެވޭގޮތް ސިޓީ ކައުންސިލަށް ދެނެގަތުމަށް ފަސޭހަ ވާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.