ރައީސް އަނެއްކާވެސް ރައްޔިތުންގެ ގާތަށް، މިފަހަރު އއ. އަތޮޅަށް

19 އޯގަސްޓު 2025 - 03:46

އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
ރައީސް ވަނީ މި އޯގަސްޓް މަހުގެ 11 އިން 14 އަށް ބ. އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ވެސް ވަޑައިގެންފައެވެ.

Ad by Hajj Corporation
އެއަށްފަހު މިއަދު އއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެމަނިކުފާނު އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އއ. އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. އެގޮތުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮސް އަދި ހިމަންދޫ އަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެކަމަށްވެސް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.